އާދިއްތަ, October 11
ބޮންޑައި ބީޗުގައި ބަޑީގެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފި

ބޮންޑައި ބީޗުގައި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ

އޮސްޓްރޭލިއާގެ ބޮންޑައި ބީޗުގައި ދިން ބަޑީގެ ނުރައްކާތެރި ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ނަވީދު އަކްރަމް، މިއަދު ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފިއެވެ. މިއީ ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި އޮސްޓްރޭލިއާގައި ހިނގި ބަޑީގެ އެންމެ ނުރައްކާތެރި ގަތުލުއާންމެވެ.

އުމުރުން 24 އަހަރުގެ ނަވީދު ކޯޓަށް ހާޒިރުކުރީ ޖަލުގައި ހުރެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އޭނާގެ މައްޗަށް ޖުމްލަ 59 ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި މީހަކު މެރުމުގެ ކުށުގެ 15 ދައުވާއާއި، ޓެރަރިޒަމްގެ ހަމަލާއެއް ދިނުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ނަވީދާއި އޭނާގެ ބައްޕަ ސާޖިދު، ބޮންޑާއި ބީޗުގައި ބޭއްވި ޔަހޫދީންގެ "ހަނޫކާ" ހަރަކާތަކަށް އަމާޒުކޮށް މި ހަމަލާ ދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި ހަމަލާގައި 15 މީހުން މަރުވެ، 40 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. ހާދިސާ ހިނގި ވަގުތު ފުލުހުން ދިން ހަމަލާގައި ނަވީދުގެ ބައްޕަ ސާޖިދު (50 އަހަރު) ވަނީ މަރުވެފައެވެ. ނަވީދަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ޖަލަށް ބަދަލުކޮށްފައެވެ.

ހޯމަ ދުވަހުގެ އަޑުއެހުމަކީ ހައްޔަރުކުރި ފަހުން ނަވީދު ފެނުނު އަދި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ކޯޓުގެ އަމުރަކާ ގުޅޭގޮތުން ފަނޑިޔާރު ކުރެއްވި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ ހަމައެކަނި "އާނ" އެކޭއެވެ. ކޯޓުން ވަނީ މި ހާދިސާގައި ސަލާމަތްވި މީހުންގެ މައުލޫމާތު ސިއްރުކުރުމަށް އަމުރުކޮށްފައެވެ.

ނަވީދުގެ ވަކީލު ބެން އާޗްބޯލްޑް ވިދާޅުވި ގޮތުގައި، އޭނާގެ މުވައްކިލު ކުށަށް އިއުތިރާފުވާނެތޯ ނުވަތަ ނޫންތޯ ނިންމަން އަދި މާ އަވަހެވެ. އަދި ނަވީދު މިހާރު ހުރީ ގޯލްބާންގެ އެންމެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ "ސުޕަމެކްސް" ޖަލުގައި ކަމަށާއި، އެތަނުގެ ހާލަތު ވަރަށް ހަރުކަށި ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.

ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މި ހަމަލާ ދިނުމަށް އެ ދެބަފައިން ވަނީ މަސްތަކެއް ވަންދެން ވަރަށް ބޮޑަށް ރާވާފައެވެ. އަދި ހަމަލާ ދިނުމުގެ ދެ ދުވަސް ކުރިން އެ ސަރަހައްދު ބަލައި ފާސްކޮށްފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި އެމީހުންގެ ފޯނުން ފެނުނު ވީޑިއޯއެއްގައި، އިސްލާމިކް ސްޓޭޓް (އައި.އެސް) ޖަމާއަތުގެ ދިދައެއްގެ ކުރިމަތީގައި ތިބެ، "ޒަޔަނިސްޓުންގެ" އަމަލުތައް ކުށްވެރިކޮށް ވާހަކަދައްކާފައިވެއެވެ. އަދި އެހެން ވީޑިއޯތަކުން އެމީހުން ބަޑިޖަހަން ތަމްރީނު ހަދާ މަންޒަރުވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ޔަހޫދީ ދީނީ އިލްމުވެރިންނާއި، 10 އަހަރުގެ ކުޑަކުއްޖަކު ހިމެނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު