ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ޕްރޮވިންސްގެ ސާނަވީ ސުކޫލެއްގައި ދިން ބަޑީގެ ނުރައްކާތެރި ހަމަލާއެއްގައި، ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާއާއެކު ޖުމްލަ 10 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
ރޯޔަލް ކެނޭޑިއަން މައުންޓަޑް ޕޮލިސް (އާރު.ސީ.އެމް.ޕީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓަމްބްލަރ ރިޖް ނަމަކަށް ކިޔާ ކުޑަ އަވަށެއްގެ ސާނަވީ ސުކޫލެއްގެ ތެރެއިން ހަ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި ހަމަލާގައި ޒަޚަމްވި އިތުރު މީހަކު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މަރުވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، މި ހަމަލާއާ ގުޅުންހުރި ކަމަށް ބެލެވޭ ގެއެއްގެ ތެރެއިންވެސް ދެ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭތޯ ނުވަތަ ނޫންކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އާރު.ސީ.އެމް.ޕީ އިން ބުނި ގޮތުގައި، މި ހާދިސާއަކީ ޓަމްބްލަރ ރިޖް ސެކަންޑަރީ ސްކޫލުގައި މީހަކު ބަޑިން ހަމަލާދީގެން ހިނގި ހާދިސާއެކެވެ. އަދި ހަމަލާދިން ކަމަށް ބެލެވޭ މީހާވެސް މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި، ބެލެވޭ ގޮތުގައި އޭނާ މަރުވީ އަމިއްލައަށް ދިން ހަމަލާއެއްގައެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހަކު ވައިގެ މަގުން ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އިތުރު 25 މީހަކަށް ލިބުނު ކުދި އަނިޔާތަކާ ގުޅިގެން ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ސުކޫލުގައި ތިބި އެހެން ހުރިހާ ދަރިވަރުންނާއި މުވައްޒަފުން ވަނީ ރައްކާތެރިކަމާއެކު އިމާރާތުން ބޭރަށް ނެރެފައެވެ.
އާރު.ސީ.އެމް.ޕީ ގެ ނޮދަން ޑިސްޓްރިކްޓް ކޮމާންޑަރ ކެން ފްލޮއިޑް ވިދާޅުވީ، ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ އަންހެނަކު ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރު އަދި ހާމައެއް ނުކުރެއެވެ. އާންމުންނަށް ނެރުނު އިންޒާރެއްގައި ބުނެފައިވަނީ، ހަމަލާދިނީ މުށިކުލައިގެ އިސްތަށިގަނޑެއް ހުރި، ހެދުމެއް ލައިގެން ހުރި އަންހެނެއް ކަމަށެވެ.
މި ހާދިސާގައި މަރުވި މީހުންގެ އުމުރާއި، ހަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރާ ބެހޭ މައުލޫމާތު ފުލުހުން ހިފަހައްޓާފައިވަނީ މީހުންގެ އަމިއްލަ މިނިވަންކަމަށް އިހުތިރާމް ކުރުމުގެ ގޮތުންނާއި، ފުލުހުންގެ މޭޖަރ ކްރައިމްސް ޔުނިޓުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ ކަމަށް ބުނެފައިވެއެވެ.
އެ ސުކޫލުގެ ގްރޭޑް 12 ގައި ކިޔަވާ ދަރިވަރެއް ކަމަށްވާ ޑޭރިއަން ކުއިސްޓް ކެނެޑާގެ ސީ.ބީ.ސީ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ބުނީ، ހަމަލާގެ ވަގުތުގައި އޭނާއާއި އެހެން ދަރިވަރުން މޭޒުތައް ބޭނުންކޮށްގެން ދޮރުތައް ބަންދުކޮށް، ދެ ގަޑިއިރަށްވުރެ ގިނަ އިރު ސަލާމަތްވުމަށް މަސައްކަތް ކުރި ކަމަށެވެ. އޭނާ ބުނި ގޮތުގައި މި ހާދިސާއަކީ ގަބޫލުކުރަންވެސް ދަތި ބިރުވެރި ތަޖުރިބާއެކެވެ.
ކުއިސްޓް އިތުރަށް ބުނި ގޮތުގައި އެއީ ވަރަށް ކުޑަ ސުކޫލެކެވެ. އަދި އޭނާ ކިޔަވާ ގްރޭޑްގައި ތިބީ އެންމެ 20 ވަރަކަށް ދަރިވަރުންނެވެ.




