ގިނީގެ ވެރިރަށް ކޮނާކްރީގެ މަރުކަޒީ ޖަލު ކައިރީގައި ބަޑީގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރާ އަޑު އިވުމާ ގުޅިގެން، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ބަޑިޖެހީ ކޮން ބައެއްކަން ނުވަތަ މިކަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުން އަދި އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، ހަތިޔާރު އެޅި ސަލާމަތީ ބާރުތަކުން ދަތުރުކުރި އަސްކަރީ ގިނަ އަދަދެއްގެ ޕިކަޕްތަކާއި، މެޝިން ބަޑި ހަރުކޮށްފައިވާ އުޅަނދުތައް ކަލޫމްގެ އިދާރީ ދާއިރާގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް މަންޒަރު ދުށް ފަރާތަކުން ބުނެފައިވެއެވެ. ގިނީގެ ރިޔާސީ ގަނޑުވަރުވެސް ހުންނަނީ ކަލޫމްގައެވެ.
އޭއެފްޕީ ނިއުސް އެޖެންސީގެ ނޫސްވެރިއަކު ރިޕޯޓުކުރި ގޮތުގައި، އަންގާރަ ދުވަހުގެ ހެނދުނު ފުލުހުންނާއި ހާއްސަ ފައުޖުތަކުން ވަނީ ޖަލަށް ދެވެން އޮންނަ މަގުތައް ބަންދުކޮށްފައެވެ. ނަމަވެސް ފަހުން އެ މަގުތައް ވަނީ އަލުން ހުޅުޅުވާލާފައެވެ.
މީގެ އިތުރުން، ހާއްސަ ފައުޖަށް ނިސްބަތްވާ ހަތިޔާރު އެޅި ތިން އުޅަނދެއް ޖަލުގެ ކުރިމަތީގައި އޮތް އިރު، ތިން އެމްބިއުލަންސެއް ޖަލުން ނުކުމެގެން ދަނިކޮށް ފެނިފައިވެއެވެ.
އެ ސަރަހައްދުގައި މަސައްކަތްކުރާ އެކައުންޓަންޓެއް ކަމަށްވާ ތިއެރްނޯ ބަލްޑޭ "އޭއެފްޕީ" އަށް މައުލޫމާތު ދެމުން ބުނީ، ބާރު ސްޕީޑުގައި އުޅަނދުތަކެއް ދިޔަ އަޑަށް އޭނާ ކުޑަދޮރު ކައިރިއަށް ދިޔަ ވަގުތު އޮޓޮމެޓިކް ބަޑީގެ ހަމަލާތަކެއްގެ އަޑު އިވުނު ކަމަށެވެ. އެ ސަރަހައްދުގައި ތިބި އެހެން މީހުންވެސް ވަނީ މިފަދަ މައުލޫމާތުތައް ހިއްސާކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބަޑިޖަހަން ފަށާފައިވަނީ ހެނދުނު 9 ޖަހާކަންހާއިރުއެވެ. އަދި ބައިގަޑިއިރަށްވުރެ ގިނަ އިރު ވަންދެން މެދުނުކެނޑި ބަޑީގެ އަޑު އިވެމުންދިޔައެވެ.
ރިޓަޔަރޑް ސިވިލް ސާވަންޓެއް ކަމަށްވާ އަބްދުއްރަހްމާން ދުކޫރޭ ބުނި ގޮތުގައި، އޭނާ ކާރުގައި ޖަލު ކައިރިން ދަނިކޮށް ބަޑިޖަހާ އަޑު އިވުމުން، ޓްރެފިކް ތޮއްޖެހިފައި އޮތުމާއެކު އެންމެންވެސް މަސައްކަތްކުރީ ސަލާމަތްވުމަށް އެކި ދިމަދިމާލަށް ދިއުމަށެވެ.
ޖަލު ކައިރީގައި ދިރިއުޅޭ އެހެން މީހަކު ބުނި ގޮތުގައި، ޖަލުގެ ތެރޭގައި ބަޑިޖަހާ އަޑު އިވުނު ނަމަވެސް މިހާރު މަސްލަހަތު ވަނީ ފިނިވެފައެވެ. އެހެންނަމަވެސް، މި އަމާންކަން ކިހާ އިރަކު ދެމިއޮންނާނެ ކަމެއް ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ.
ގިނީގެ މަރުކަޒީ ޖަލަކީ މީގެ ކުރިންވެސް ނުރައްކާތެރި އަދި ހަމަނުޖެހުން ބޮޑު ހާދިސާތައް ހިނގާފައިވާ ތަނެކެވެ.
އެގޮތުން 2023 ވަނަ އަހަރު، ހަތިޔާރު އެޅި ކޮމާންޑޯތަކެއް ވެގެން ކުރީގެ ރައީސް މޫސާ ދާދިސް ކަމާރާ ޖަލުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގައި ނުވަ މީހަކު މަރުވެފައިވެއެވެ.




