އީރާނުގައި މިދިޔަ މަހު ހިނގައިދިޔަ ނުރައްކާތެރި މުޒާހަރާތަކަށްފަހު، އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން އަމިއްލަ ގިނަ ވިޔަފާރިތަކެއް ބަންދުކޮށްފިއެވެ. މި ވިޔަފާރިތައް ބަންދުކޮށްފައި މިވަނީ އެ ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސް، ރައްޔިތުންނާއި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ވަގުތެއްގައެވެ. އަދި ހަމައެހެންމެ، މިއީ އެމެރިކާއާ އެކު އޮތް ޚާރިޖީ ގުޅުންތައް ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެކެވެ.
ތެހެރާންގެ މެދުތެރޭ ސަރަޙައްދުތަކާއި އުތުރުގެ ސަރަޙައްދުތަކުގައި ޒުވާނުންގެ މެދުގައި މަޤްބޫލު މި ވިޔަފާރިތައް ބަންދުކުރި ސީދާ ސަބަބެއް ފުލުހުންނާއި ކަމާ ބެހޭ އިދާރާތަކުން ތަފްޞީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، މީގެ ތެރެއިން ގިނަ ވިޔަފާރިތަކަކީ ޑިސެމްބަރު މަހުގެ ފަހުކޮޅު ފެށުނު މުޒާހަރާތަކަށް ތާއީދުކޮށް، ސޯޝަލް މީޑިއާ (އިންސްޓަގްރާމް) މެދުވެރިކޮށް ޝުޢޫރު ފާޅުކޮށް ނުވަތަ ހަޅުތާލުތަކުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތަންތަނެވެ.
އާންމު ތަންތަން ބެލެހެއްޓުމުގެ ޒިންމާ އުފުލާ ފުލުހުންގެ އިދާރާއިން ފާއިތުވި ދުވަސްތަކުގައި ވަނީ ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، އާޓް ގެލެރީތަކާއި އައިސްކްރީމް ފިހާރަ ހިމެނޭހެން ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިއެއް ބަންދުކޮށްފައެވެ. ބަންދުކުރި ބައެއް ތަންތަނުގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ބުނެފައިވަނީ، އެ ތަންތަން ބަންދުކުރީ "ޤައުމުގެ ގަވާއިދުތަކާ ޚިލާފުވެ، ފުލުހުންގެ އުޞޫލުތަކަށް އަމަލުނުކުރުމުގެ" ސަބަބުން ކަމަށެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގުޅުން އޮންނަ ފާރްސް ނިއުސް އެޖެންސީން ވަނީ އަމިއްލަ ވިޔަފާރިވެރިއެއް ކަމަށްވާ މުޙައްމަދު ޢަލީ ސަޢީދީނިއާ ސޮއިކޮށްފައިވާ ކަމަށް ބުނާ އިއުތިރާފްގެ ސިޓީއެއްގެ ފޮޓޯއެއް އާންމުކޮށްފައެވެ. އުމުރުން 81 އަހަރުގެ ސަޢީދީނިއާ އާއި އޭނާގެ އާއިލާއިން އަންނަނީ މުޅި ޤައުމުގައި މަޤްބޫލު ކެފޭތަކާއި ކާބޯތަކެތީގެ ބްރޭންޑްތަކެއް ހިންގަމުންނެވެ. އޭނާ މިހާރު ހުރީ ޖަލުގައި ކަމަށް މިދިޔަ ހަފުތާގައި ޖުޑިޝަރީން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އޭނާގެ ހުރިހާ ވިޔަފާރިތަކެއް ބަންދުކޮށް، މުޒާހަރާތަކުގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އޭނާގެ ހުރިހާ މުދަލެއް ވަނީ ދައުލަތަށް ހިފަހައްޓާފައެވެ.
އީރާނު ސަރުކާރުން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކުގައި 3,117 މީހުން މަރުވެފައިވެއެވެ. ސަރުކާރުން ތުހުމަތުކުރާ ގޮތުގައި މި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އެމެރިކާއާއި އިޒްރޭލުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ "ޓެރަރިސްޓުންނާއި" "ހަމަނުޖެހުން ހިންގާ ފަރާތްތަކެވެ". އަދި އާންމު މުދަލާއި ގެދޮރަށް ގެއްލުންދީފައިވަނީ އެފަރާތްތަކުން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
ނަމަވެސް، އދ. އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ނުރައްކާތެރި ބާރުގެ ބޭނުންކޮށްފައިވެއެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކަށް ވަދެގަނެ، ސިއްޙީ އެހީތެރިން ހައްޔަރުކޮށްފައިވާ ކަމުގެ ކަންބޮޑުވުންތައް ވެސް އެ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.
އެމެރިކާގައި ހުންނަ ހިއުމަން ރައިޓްސް އެކްޓިވިސްޓް ނިއުސް އެޖެންސީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން 6,964 މީހުން މަރުވެފައިވާއިރު، އިތުރު 11,730 މީހެއްގެ މައްސަލަ ދަނީ ތަޙުޤީޤު ކުރެވެމުންނެވެ. އީރާނާ ބެހޭ އދ. ގެ ޚާއްޞަ މަންދޫބު މާއީ ސާޓޯ ވިދާޅުވި ގޮތުގައި، އީރާނު ސަރުކާރުން އިންޓަނެޓްގެ ޚިދުމަތްތައް ހަނިކޮށްފައި އޮތުމުގެ ސަބަބުން މަޢުލޫމާތު ހޯދުމަށް ދަތިތަކެއް ހުރި ނަމަވެސް، މަރުވި މީހުންގެ އަދަދު 20,000 އަށް ވުރެ ގިނަވުން އެކަށީގެންވެއެވެ.




