ލީބިޔާގެ އައްސޭރިފަށުން ދަތުރުކުރި ރަބަރު ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން، ދެ ތުއްތު ކުދިން ހިމެނޭހެން މަދުވެގެން 53 މީހުން މަރުވެ ނުވަތަ ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް) އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 55 މީހުންނާއެކު ދަތުރުކުރި މި ބޯޓު ބަންޑުންޖަހާލާފައިވަނީ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު، ލީބިޔާގެ ހުޅަނގު އުތުރުގައި އޮންނަ ޒުވާރާ ސިޓީގެ އުތުރުން ކަމަށެވެ. އައި.އޯ.އެމް އިން ބުނި ގޮތުގައި، މި ހާދިސާއިން ސަލާމަތްވި ދެ މީހަކަށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުއްލި ސިއްހީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
ސަލާމަތްވި މީހުންނާ ހަވާލާދީ އެ އެޖެންސީން ބުނީ، އެ ބޯޓަކީ އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ ރެފިއުޖީންނާއި ހިޖުރަކުރާ މީހުން އުފުލި ބޯޓެއް ކަމަށެވެ. މި ބޯޓު ލީބިޔާގެ ހުޅަނގު އުތުރުގައި އޮންނަ ޒާވިއާ އިން ފުރާފައިވަނީ ފެބުރުވަރީ 5 ވަނަ ދުވަހުގެ ރޭގަނޑު 11 ޖަހާކަންހާއިރު ކަމަށާއި، ބޯޓު ބަންޑުންޖަހާލީ ފުރިތާ ގާތްގަނޑަކަށް 6 ގަޑިއިރު ފަހުން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އައި.އޯ.އެމްގެ "މިސިންގ މައިގްރެންޓްސް ޕްރޮޖެކްޓް" ގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރުގެ މިހާތަނަށް މެދުތެރޭ މެޑިޓެރޭނިއަންގެ ނުރައްކާތެރި ކަނޑުގެ ސަރަހައްދުން 1،300 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. މި ހާދިސާއާއެކު، މިއަހަރުގެ މިހާތަނަށް އެ ސަރަހައްދުން މަރުވި ނުވަތަ ގެއްލުނު މީހުންގެ އަދަދު ވަނީ 484 އަށް އަރާފައެވެ.
"އައި.އޯ.އެމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހަމައެކަނި ޖެނުއަރީ މަހުވެސް، މޫސުން ގޯސްވުމުގެ ސަބަބުން މެދުތެރޭ މެޑިޓެރޭނިއަން ސަރަހައްދުގައި ހިނގި އެކި ހާދިސާތަކުގައި މަދުވެގެން 375 މީހުން މަރުވެ ނުވަތަ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވޭ. އަދި ރެކޯޑު ނުކުރެވި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާނެ ކަމަށް ބެލެވޭ،" ބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ ހާދިސާތައް ތަކުރާރުވަމުން ދިއުމަކީ، ނުރައްކާތެރި ކަނޑުގެ ދަތުރުތައް ކުރާ ހިޖުރަވެރިންނާއި ރެފިއުޖީންނަށް އޮތް ދާއިމީ އަދި ނުރައްކާތެރި ބިރެއްކަން ހާމަވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.




