Saturday, October 31
ކައުންސިލްތަކުގެ އިންތިޚާބު 2026: ކުރިމަތިލުމަށް ދީފައިވަނީ އެކަށީގެންވާ މުއްދަތެއް ނޫން: އެމްޑީޕީ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވަނީ އެކަށީގެންވާ މުއްދަތެއް ނޫން ކަމުގައި އިދިކޮޅު އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުމަށް އީސީން ދީފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށްވާތީ، ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން ރިކޯޑް ސާފުކުރުމާއި އެހެނިހެން ކަންކަން ފުރިހަމަކުރުމަށް އެތަކެއް ދުވަހެއް ނަގާތީ، މިއީ ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަން ފާހަކޮށް، މިކަމުގެ ސަބަބުން އެތައް ބަޔަކަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިދާނެކަމުގެ ކަންބޮޑުވުން އެމްޑީޕީން ވަނީ ފާޅުކޮށްފައެވެ. އަދި، މި މައްސައަށް ހައްލު ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ގޮވާލައިފައެވެ. ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ފެބުރުވަރީ 1 ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށެވެ.

އީސީން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅާނީ، އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލް my.elections.gov.mv  އަށް ކަމަށާއި، ފޯމު އޮންލައިންކޮށް ހުށަހެޅޭނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 08:30 އިން 15:30 އަށް އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ކަމަށެވެ.

މީގެ އިތުރުން، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅާއިރު، ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ކޯޓު ޙުކުމާ އެއްގޮތަށް އެ ދަރަނި ޚަލާސްކޮށްފައިވާކަން ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ފަރާތެއްކަން އެނގޭނެ ކަމާބެހޭ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އީސީން ވަނީ އެދިފައެވެ.

އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު ފަދަ ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު