Saturday, October 31
ކައުންސިލްތަކުގެ އިންތިޚާބު 2026: ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކަށް 1،300 އަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް 1،300 އަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ހާމަކޮށްފައިވާ ގޮތުގައި ކައުންސިލްތަކަށް ކުރިމަތިލި ފަރާތްތަކުގެ 750 ފަރާތެއްގެ ކެންޑިޑަސީ ޤަބޫލުކޮށްފައިވާއިރު، 183 ފަރާތެއްގެ ކެންޑިޑަސީ ވަނީ ރިޖެކްޓްކޮށްފައެވެ. އަދި ކެންޑިޑަސީ ޤަބޫލު ނުކުރުމުގެ ސަބަބުން 77 ފަރާތަކުން ވަނީ އަލުން ފޯމު ހުށަހަޅައިފައެވެ. މީގެ އިތުރުން، އ.ތ.މ ކޮމިޓީތަކަށް ކުރިމަތިލި 574 ފަރާތެއްގެ ކެންޑިޑަސީ ޤަބޫލުކޮށްފައިވާއިރު، 126 ފަރާތެއްގެ ކެންޑިޑަސީ ރިޖެކްޓްކޮށްފައިވެއެވެ. އަދި ކެންޑިޑަސީ ޤަބޫލު ނުކުރުމުގެ ސަބަބުން 34 ފަރާތަކުން ވަނީ އަލުން ފޯމު ހުށަހަޅައިފައެވެ. ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ފެބުރުވަރީ 1 ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށެވެ.

އީސީން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅާނީ، އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލް my.elections.gov.mv  އަށް ކަމަށާއި، ފޯމު އޮންލައިންކޮށް ހުށަހެޅޭނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 08:30 އިން 15:30 އަށް އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ކަމަށެވެ.

މީގެ އިތުރުން، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅާއިރު، ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ކޯޓު ޙުކުމާ އެއްގޮތަށް އެ ދަރަނި ޚަލާސްކޮށްފައިވާކަން ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ފަރާތެއްކަން އެނގޭނެ ކަމާބެހޭ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އީސީން ވަނީ އެދިފައެވެ.

އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު ފަދަ ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު