ނެސްލޭ އިން އުފައްދާ "އެސްއެމްއޭ" މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން ވިހަ މާއްދާއެއް ފެނިފައިވާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނެސްލޭ ކުންފުނިން އުފައްދާ "އެސްއެމްއޭ" މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗްތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާކަމަށާއި އެ ތަކެތި ބާޒާރުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.
ސެރެއުލައިޑަކީ، ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. މި މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުން ކުރެއްވިޖެނަމަ މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމަތްތައް ފެނުމަކީ އެކަށީގެންވާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެެވެ.
އެ އޮތޯރިޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށެވެ.
އެ އޮތީރިޓީން ނެރުނު ބަޔާނުގައި ވިއްކުން މަނާ ބާވަތްތައް ވަނީ ހިމަނާފަ އެވެ. އަދި އެކަމާ ގުޅިގެން މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީއަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފަ އެވެ.
ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތަކަކީ އެންމެ އެކަށީގެންވާ ތަކެތިކަން ކަށަވަރު ކުރުމަށް އެމްއެފްޑީއޭ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވިހަ މާއްދާއެއް އެކުލެވޭ ބާވަތެއް ދެނެގަނެވުމާއެކު، އެ އޮތޯރިޓީން އަންނަނީ އެ ޕްރޮޑަކްޓްއަކަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.




