ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ، މި މަހުގެ 13 އިން 17 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން ކެނެޑާގެ ބޮޑުވަޒީރަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ކެނެޑާގެ މައިގަނޑު މާކެޓް ކަމަށްވާ އެމެރިކާއަށް އެކަނި ބަރޯސާވުން ކުޑަކޮށް، އެކްސްޕޯޓްގެ ދާއިރާ އެހެން ގައުމުތަކަށް ފުޅާކުރުމަށް ކާނީ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ކާނީ ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ވިޔަފާރި، ހަކަތަ، ދަނޑުވެރިކަން އަދި ބައިނަލްއަގުވާމީ ސަލާމަތާ ގުޅޭ ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. ޗައިނާއަކީ މިހާރުވެސް ކެނެޑާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ.
ކެނެޑާއިން ޗައިނާގެ އިލެކްޓްރިކް އުޅަނދުތަކުން %100 ޓެރިފް ނަގަން ފެށިތާ އަހަރެއް ފަހުން، މިދިޔަ އޯގަސްޓް މަހު ޗައިނާއިން ވަނީ ކެނެޑާގެ ކެނޯލާ އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިކުރުވައި، "އެންޓި-ޑަމްޕިންގ" ޑިއުޓީއެއް ނަގަން ފަށާނެކަން އިއުލާނުކޮށްފައެވެ.
ޗައިނާއަށް ޒިޔާރަތް ކުރެއްވުމަށް ކާނީ އެއްބަސްވެވަޑައިގަތީ މިދިޔަ އޮކްޓޫބަރު މަހު ދެކުނު ކޮރެއާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށްފަހުއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފާއިތުވި އަހަރުތަކުގައި ހީނަރުވެފައި އޮތުމަށްފަހު، އަލުން ފުޅާ ދާއިރާއެއްގައި ގުޅުން ގާއިމުކުރުމުގެ މުހިންމުކަން ކާނީ މީގެ ކުރިންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ކެނެޑާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ނޮވެމްބަރު މަހު ވިދާޅުވި ގޮތުގައި، އޭނާ ޗައިނާއަށް ކުރެއްވި އެއް ހަފްތާގެ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަވާން ފަށާފައިވާ ކަމުގެ ހެއްކެކެވެ. މިއީ ކެނެޑާގެ ދަނޑުވެރިންނާއި ކެނޯލާ އެކްސްޕޯޓްކުރާ ފަރާތްތަކުން ނުހަނު ބޭނުންވެފައިވާ ކަމެކެވެ.




