Saturday, October 31
ކައުންސިލް އިންތިޚާބު 2026: އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ޕޯޓަލް ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރުމަށް ޕޯޓަލް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މައި ޕޯޓަލް my.elections.gov.mv އަށް ލޮގިންވާނީ އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށް ކަމަށާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ޙައިސިއްޔަތުގެ ގޮތުގައި ސިޔާސީ ޕާޓީއެއް އިޚްތިޔާރުކޮށްފިނަމަ އެ ޕާޓީއަކުން، އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުން މި ރިކުއެސްޓްތައް ޕްރޮސެސް ކުރާނީ ސިމެދަ ޕޯޓަލްއިން ކަމަށް އީސީން ބުނެއެވެ.

މީގެ އިތުރުން އީސީން ހާމަކުރާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަމިއްލަގޮތުން ކުރިމަތިލާނަމަ، ކުރިމަތިލާ ދާއިރާއަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ، މަދުވެގެން 50 މީހުންގެ ތާއީދު ހޯދަންވާނެއެވެ. އިންތިޚާބަށް ކުރިމަތިލާ ފަރާތުން، އެ ދާއިރާއަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، މޯބައިލް ނަންބަރު ޖަހައި ހުށަހެޅުމުން، ވޯޓުލުމުގެ ޙައްގު ލިބިގެންވާ ފަރާތަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން އެކަން އެންގޭނެ ކަމަށާއި، ތާއީދު ދިނުމުގެ ރިކުއެސްޓްތައް ޤަބޫލުކުރުން ނުވަތަ ނުކުރުން ކަނޑައަޅާނީ، ދާއިރާއަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލްގެ ތެރެއިން ކަމަށް އީސީން ބުނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެއެވެ.

މި މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަކުރުމަށްފަހު، ލިޔެކިޔުންތައް އަޕްލޯޑުކޮށް ސޭވް ކުރިނަމަވެސް، ކޮމިޝަނަށް ފޯމު ހުށަހެޅޭނީ، އިންތިޚާބަށް ކުރިމަތިލުމަށް ރަސްމީކޮށް ހުޅުވާލުމުން ކަމަށްވެސް އީސީން ބުންޏެވެ.

އީސީން ވަނީ މައި ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓް އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ ގައިޑްލައިންވެސް އާންމުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު