Friday, November 6
ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ނަންތައް އާއްމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާއްމުކޮށް، އެކަމާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

ވެރިކަން ކުރާ ޕާޓީން ނެރުނު އިއުލާނެއްގައިވާ ގޮތުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ ގޮނޑިތަކަށް ވާދަކުރާ 183 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 121 ކެންޑިޑޭޓުންނެވެ.

ޕީއެންސީން ބުނެފައިވަނީ ޕްރައިމަރީއާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެކަމަށް ހާއްސަ ކޮށްފައިވާ ނަމްބަރު 9323686 އަށް ގުޅައި އެކަން ހިއްސާކުރުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. މި ފަހަރުގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ މީހަކު ނިސްބަތްވާ ރަށެއްގަ އެވެ.

ރާއްޖޭގެ އިންތިހާބީ ހުރިހާ ދާއިރާއަކަށް ޕީއެންސީން ކެންޑިޑޭޓުން ނެރުމަށް ނިންމާފައިވާއިރު، މި ޕްރައިމަރީގައި ގާތްގަނޑަކަށް 26،000 މީހުން ވޯޓުލާނެ ކަމަށް އެ ޕާޓީން ލަފާކުރެ އެވެ. މިއީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ދެކެއެވެ.

އަންނަ އޭޕްރީލް 4 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ކޮންމެ ދާއިރާއަކުން 681 މީހުން އިންތިހާބު ކުރާނެ އެވެ. އެއާއެކު ދެ އިންތިހާބުން ޖުމްލަ 1،362 މީހުން އިންތިހާބު ކުރަން ޖެހެ އެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު