ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ހިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކޮށް ނިންމައިފިއެވެ.
މި ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ހިދުމަތާ ހަވާލުވެ، ސްޓެލްކޯގެ ދިދަ ނެގީ ލ. ފޮނަދޫގައެވެ. ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒެވެ.
މި ރަސްމިއްޔާތުގައި އަޒުވަރު ވިދާޅުވީ، ރަށްތަކުގެ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމުން ރައްޔިތުން މި ހިދުމަތްތަކާމެދު ކުރާ އުއްމީދު ބޮޑުވެފައިވާ ކަމަށެވެ. ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކުންފުންޏާއި މުވައްޒަފުން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
މީގެ ކުރިން ސްޓެލްކޯއިން ހިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ. ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ހިދުމަތްތައް ވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ.
މިއަދު ގެނެވުނު ބަދަލާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތައް ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވެއެވެ. އެ ރަށްތަކުގެ ހިދުމަތްތައް ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އޮނިގަނޑެއް ތަންފީޒުކުރަން ފަށާފައިވެއެވެ. މި މަސައްކަތުގައި ސްޓެލްކޯގެ ހަތަރު ޓީމެއް އަތޮޅުތެރޭގައި ހަރަކާތްތެރިވެފައިވެއެވެ.






