ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވި މި ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެއްޖިންސުން ކައިވެނި ކުރުމަކީ ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން ހުއްދަ ކަމަކަށް ނުވާތީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށްވާއިރު، މިފަދަ އަމަލުތަކަކީ ދީނީ އަދި ޝަރުއީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަންކަން ކަމުގައި ފުލުހުން ފާހަގަކުރެއެވެ. ހަމައެއާއެކު، މިއީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ދިވެހި މުޖުތަމައުގެ އާންމު އިޖުތިމާއީ އަދި އަޚުލާގީ މިންގަނޑުތަކާވެސް މުޅިން ޚިލާފު އަމަލެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ، ރާއްޖޭގައި އެއްވެސް ފަރާތަކުން މިފަދަ ޣައިރުގާނޫނީ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްސަކޮށް، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުންވެސް މިފަދަ ކަންކަން ހިންގިޔަ ނުދިނުމަށާއި، މިފަދަ ކަންކަމަށް ފުރުސަތު ނުދިނުމަށް އެންމެހާ ފަރާތްތަކަށް ވަނީ އަންގާފައެވެ.
ފުލުހުން އިތުރަށް ބުނީ، އިސްލާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.






