ބޮޑެތި ކުށްތައް ހިންގާ މީހުން ހޯދުމަށް ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން، އިކުއެޑޯގެ ގައަޔަކިލް ސިޓީގެ ހަތަރު ކުއްޖަކަށް ގޯނާކޮށް ގެއްލުވާލުމުގައި ހަރަކާތްތެރިވި ސިފައިންގެ 11 މީހަކު 34 އަހަރަށް ޖަލަށް ލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހިމެނޭ ހަތަރު ކުދިން އެންމެ ފަހުން ފެނުނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު އެމީހުންގެ އަވަށްޓެރި ކުޅިވަރު ދަނޑަކާ ދިމާއަށް ހިނގާފައި ދަނިކޮށެވެ.
މި ހަތަރު ކުދިންގެ އަނދައި އަޅިއަށްވެފައިވާ ހަށިގަނޑުތައް ފެނިފައިވަނީ އޭގެ ހަފުތާތަކެއް ފަހުން، ޑިސެންބަރު 31 ވަނަ ދުވަހު ރަށްފުށުގެ ޗަސްބިން ސަރަހައްދަކުންނެވެ. މި މައްސަލައާ ގުޅިގެން ދައުލަތަށް އެއްބާރުލުން ދިން ފަސް ސިފައިންގެ މީހަކު ދެ އަހަރާއި ބަޔަށް ޖަލަށް ލުމަށްވެސް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
އިކުއެޑޯ އަސްކަރިއްޔާއިން ބުނަމުން އައީ އުމުރުން 11 އަހަރާއި 15 އަހަރާ ދެމެދުގެ މި ފިރިހެން ކުދިންނަކީ ބަންދުކޮށްފައި ތިބި ކުށްވެރިން ކަމަށާއި، ބަންދުން ދޫކޮށްލީ ހަތަރު ކުދިންވެސް ދިރިތިއްބާ ކަމަށެވެ.
ސިފައިންގެ ބައެއް މީހުންނަށް ދައުވާގައި ބުނެފައިވަނީ އެ ފިރިހެން ކުދިން ތަޅައި އަނިޔާކޮށް، މަލާލާތްކޮށް، ގަދަކަމުން ބަރަހަނާކޮށް، ނުރައްކާތެރި ޓޯރާ ހިސާބަށް ދޫކޮށްލާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިކެޑޯގެ ރައްޔިތުން ވަނީ ރުޅިވެރިކަން ފާޅުކޮށް، ރައީސް ޑޭނިއަލް ނޮބޯއާގެ "ފީނިކްސް ޕްލޭން" އަށް ފާޑުކިޔައިފައެވެ.




