ދެކުނު އެފްރިކާގެ ޖޮހަނެސްބާގު ސިޓީ ކައިރީގައި އޮންނަ އަވަށެއްގެ ޕަބަކަށް ހަތިޔާރު އެޅި ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައި ނުވަ މީހަކު މަރުވެ، 10 މީހަކު ޒަޚަމްވެއްޖެއެވެ.
އެ ޤައުމުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ބެކަރސްޑަލް އަވަށުގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތް ގައުޓެންގް ސީރިއަސް އެންޑް ވައިލަންޓް ކްރައިމް އިންވެސްޓިގޭޝަންސް އާއި ކްރައިމް ޑިޓެކްޝަން ޓްރޭސިންގ ޔުނިޓު ގުޅިގެން ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ހުދު ކުލައިގެ މިނީ ބަހަކާއި ރިހި ކުލައިގެ ކާރެއްގައި އައި ކާކުކަން ނޭނގޭ 12 ވަރަކަށް މީހުން ޕަބްގައި ތިބި މީހުން ގަޔަށް ބަޑިޖަހައި، ފިލައިގެން ދިޔައިރުވެސް ބަޑިޖަހަމުން ދިޔަ ކަމަށެވެ. ފުލުހުން ބުނީ އެ ޕަބަކީ ލައިސަންސް ލިބިފައިވާ ތަނެއް ކަމަށެވެ.
މި ހާދިސާގައި އަނިޔާވި އެންމެންވެސް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ދެކުނު އެފްރިކާގެ ބާތަކުގައި ބަޑިޖެހުމުގެ ހަމަލާތައް އިތުރުވެފައިވާއިރު، މި މަހުގެ ކުރީކޮޅުވެސް ދެކުނު އެފްރިކާގެ ވެރިރަށް ޕްރެޓޯރިއާ ކައިރީގައި ހިންގަމުން ދިޔަ ޕަބެއްގައިވެސް ބަޑިޖަހައި 12 މީހަކު ވަނީ މަރާލައިފައެވެ. މީގެ ތެރޭގައި ތިން އަހަރުގެ ކުޑަކުއްޖެއްވެސް ހިމެނެއެވެ.




