Friday, November 6
ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ އެމްއެންޑީއެފް އިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މާލޭގެ މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްއިން ހާމަކުރެއްވި ގޮތުގައި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން ދަނީ ހަރަކާތްތެރިވަމުންނެވެ. މި މަސައްކަތުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ އޮޕަރޭޝަން މިހާރުވެސް ކުރިއަށް އެބަދެއެވެ.

މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހެމުންދާއިރު، މޫސުމާ ބެހޭ ގައުމީ މަރުކަޒު (މެޓް) އިން ވަނީ ބައެއް ސަރަހައްދުތަކަށް އުފެދިފައިވާ ނުރައްކަލުގެ ހާލަތު އިތުރަށް ބޮޑުވެދާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފައެވެ. މެޓުން މިއަދު ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓެއް ނެރެފައެވެ. މި އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 16:00 އާ ހަމައަށެވެ.

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މެޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ވ. ރަކީދޫއަށެވެ. އެ ރަށަށް އިއްޔެ 75.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އަދި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ފ. ނިލަންދޫއަށް 35.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، އދ. މާމިގިއްޔަށް ވެހުނީ 27 މިލިމީޓަރުގެ ވާރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު