ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށް، މިހާރު ދައްކަން ޖެހޭ މިންވަރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އާންމުކުރައްވައިފި އެވެ. މި ބަދަލުތައް އާންމުކުރެއްވީ ހުޅުމާލޭ 2 ގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކުރާނެކަން ރޭ އިއުލާނު ކުރައްވައިފަ އެވެ. އެ މަނިކުފާނު މިގޮތަށް ނިންމެވީ އެ ފްލެޓްތަކަށް ނަގާ ޑިޕޮސިޓާއި ސޯޝަލް އެހެން ސްކީމްތަކާ އަޅާބަލާއިރު ކުލި ބޮޑުކަމަށް އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެންނެވެ.
މި މަޝްރޫއަކީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފްލެޓުތައް ވަނީ އިމާރާތްކޮށްފަ އެވެ. ކުރިން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހަކު 8،000ރ. ދައްކަން ޖެހޭއިރު، ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހެ އެވެ. އަދި ތިން ކޮޓަރީގެ ފްލެޓް ދޫކުރަން ނިންމާފައިވަނީ މެއިންޓެނަންސް ފީއާ އެކު 11،500ރ. އަށެވެ. އެ ތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހެ އެވެ.
ސަރުކާރުން މިއަދު ގެނެސްފައިވާ ބަދަލާ އެކު، މިނިސްޓަރު މުއްތަލިބު ވިދާޅުވިގޮތުގައި ދެ ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މެއިންޓެނަންސްއާ އެކު 7،000ރ. އެވެ. މީގެ ތަފްސީލަށް ބަލާއިރު، މަހު ކުއްޔަކީ 6،000ރ. އަދި މެއިންޓެނަންސްގެ ގޮތުގައި 1،000ރ. އެވެ. އަދި އެ ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓަކީ 6،000ރ. ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ތިން ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހު ކުއްޔަށް ދައްކަންޖެހެނީ 10،000ރ. އެވެ. މީގެ ތަފްސީލުތަކަށް ބަލާއިރު، މަހު ކުއްޔަކީ 8،500ރ. އަދި މެއިންޓެނަންސް ފީއަށް 1،500ރ. އެވެ. ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހޭ ވަރު 8،500ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.
ފްލެޓުތަކުގެ ކުއްޔަށް ބޮޑު ބަދަލެއް ގެނައި އިރު އެ ފްލެޓުތަކުގައި މިހާރު ވެސް ބައެއް މީހުން ދަނީ ދިރިއުޅެމުންނެވެ. އެ މީހުން މަހު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓަށް ދައްކަމުން އައިސްފައި ވަނީ ކުރިން ކަނޑައަޅާފައިވާ އަގުތައް ނަމަވެސް މި ބަދަލާ އެކު އެ މީހުންނަށް ލުއި ލިބޭނެ ގޮތެއް އަދި އާއްމެއް ނުކުރެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ހޭދަ ހަމަޖެއްސުމުގެ ގޮތުން ކޮންމެ ފްލެޓަކަށް ވެސް 200،000ރ. ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅަކަށް ވާތީ އެ ވައުދާ އެއްގޮތަށް އެކަން ވެސް ހަމަޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ





