ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. ޒަރިޔަންދު މި މަގާމަށް ވާދަކުރައްވަނީ ރައީސް ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ޓިކެޓުގައެވެ.
މިކަން އިއުލާންކޮށްފައިވަނީ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންއެފްގެ "ރީސެޓް" ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ފާއިތުވި 30 އަހަރު ތެރޭގައި ދައުލަތުގެ އެކި ފަންތީގައި އެނާ ކުރެއްވި މަސައްކަތާއި އޭނާ ގަބޫލުކުރާ ގަބޫލުކުރުންތަކަށް ބަލައި އިންތިހާބީ އެއްވެސް މަގާމަކަށް އޭނާ ނެރެން މީގެ ކުރިން އެއްވެސް މީހަކު އެދިފައި ނުވާ ކަމަށެވެ. އަދި، ހާއްސަކޮށް ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު އެފަދަ އެދުމެއް އެދިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް، ޔާމީން ދެއްވި ހިތްވަރަކުން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. މިއީ ޕީއެންއެފް އުފެދުނު ފަހުން އެ ޕާޓީން މާލެ ސިޓީގެ މޭޔަރުކަމަށް ނެރޭ ފުރަތަމަ ކެންޑިޑޭޓެވެ.
ޒަރިޔަންދުއަކީ ދައުލަތުގެ އެކި އިދާރާތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ސީނިއާ އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓްރީގައި ވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން ދައުލަތުގެ ބަޖެޓު އެކުލަވައިލުމާއި އެ ނޫން ވެސް ބައެއް މުހިންމު ޒިންމާތައް އޭނާ ވަނީ އުފުއްލަވާފައެވެ. މި ދިގު ތަޖުރިބާ އަކީ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލުމުގައި އޭނާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.





