Thursday, November 5
ކައުންސިލް އިންތިހާބުގައި ޕީއެންސީ އިން %97 ގޮނޑިއަށް ވާދަކުރާނެ : ފަލާހް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން، އިންތިހާބުގެ 97 އިންސައްތަ ގޮނޑިއަށް ވާދަކުރާނެކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އަލްފާޟިލް ފަލާހެވެ.

ފަލާހް ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، މިހާތަނަށް 97 އިންސައްތަ ގޮނޑިއަށް ޕާޓީ ޓިކެޓުގައި ވާދަކުރުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން، މިމަހުގެ 1 ވަނަ ދުވަހު ހުޅުވާލި ފުރުސަތު 15 ވަނަ ދުވަހު ބަންދުވި އިރު، 1،300 އަށް ވުރެ ގިނަ މީހުން ޕީއެންސީ ޓިކެޓުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވުނު އިންތިހާބުތަކުގައި އެއްވެސް ސިޔާސީ ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ މިފަހަރު ޕީއެންސީން ކަމަށެވެ. ކުރިން ބޭއްވުނު އިންތިހާބުތަކުގައި ސިޔާސީ ޕާޓީއަކުން އެންމެ މައްޗަށް ދެވިފައިވަނީ 85 އިންސައްތަ ކަމުގައި ވިޔަސް، މިފަހަރު 97 އިންސައްތަ ގޮނޑިއަށް ޕީއެންސީން ވާދަކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕީއެންސީގެ މެންބަރުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ޕާޓީން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި އިރު، ޕާޓީގައި ތިބީ 69،000 މެންބަރުން ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު 70،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ. ފަލާހް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް ޕްރައިމަރީ ބާއްވާއިރު، ޕާޓީގެ މެންބަރުންގެ އަދަދު 75،000 އަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު