ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބުދަ ދުވަހުގެ ރޭ، ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއވި ޕޯސްޓެއްގައި ވިދާޅުވީ، ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 17 ވާ ބުދަ ދުވަހު ރޭގަނޑު 8:30 ގައި ސޯޝަލް ސެންޓަރުގައެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ދިވެހި ވިޔަފާރިވެރިންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.
މި ހަފްތާގެ ބުދަ ދުވަހުގެ ރޭ ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަންގާރަ ދުވަހު ގަލޮޅު ރައްޔިތުންނާ އަދު ބުރާސްފަތި ދުވަހު ހުޅުމާލޭ ފޭސް 2 ގެރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.
ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ.





