މަސްވެރިންނަށް ކޮށްދެއްވަން މެނިފެސްޓޯގައި ހިމަނުއްވާފައިވާ އެއްވެސް ކަމެއް ނަމެއްގައި އިއުލާންކޮށް ނޫނީ ފަށާކަށް އެކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެގޮތަކަށް ކަންކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރ. ދުވާފަރަށް ވަޑައިގެން މަސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ކުރިއަށް ގެންދެވުމުގައި އެންމެ މުހިންމީ ސިނާޢަތުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޚިޔާލާ މަޝްވަރާކަމަށާއި، މި މޭރުމުން ފާޅުކުރައްވާ އެއްވެސް ޚިޔާލުފުޅަކާއި ދެއްވާ މަޝްވަރާއަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫންކަމުގައެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިކަމުގެ ސިނާޢަތުގައި އެކި ގޮތްގޮތުން ޝާމިލުވެވަޑައިގަންނަވާ ގިނަ ޢަދަދެއްގެ ބޭފުޅުންނާއި، މަސްވެރިންގެ ޙައްޤުގައި ވަކާލާތުކުރައްވާ ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އެ ބޭބޭފުޅުން ވަނީ، ދާއިރާގެ ކަންކަމާ ބެހޭ ގޮތުން، އެކި ކަންކަމުގައި ޚިޔާލާއި މަޝްވަރާދެއްވާފައެވެ. އަދި އެކި ގޮތްގޮތުން ހުރި ކަންބޮޑުވުންތައްވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ޝާމިލުވެވަޑައިގަންނަވާ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ، އަދި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ޖަލީސުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިއްސާކުރެއްވުނު އެއްވެސް ޚިޔާލަކާއި މަޝްވަރާއަކީ ބޭކާރުވެގެންދާނެ ކަމެއް ނޫންކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އީޖާބީ ގޮތެއްގައި މަސައްކަތްކޮށްދެއްވާނެކަމަށާ، މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ވިދާޅުވިއެވެ.
President Dr @MMuizzu attends the Fisherman’s Forum in R. Dhuvaafaru, engaging directly with fishermen on sector priorities and development needs.#RayyithunGaathah#DhuvaafaruVisit#FishermensDay2025 pic.twitter.com/JcWaOIJBMT
— The President's Office (@presidencymv) December 13, 2025
"އަޅުގަނޑު ބޭނުމެއްނޫން އެއްވެސް ކަމެއް ނަމެއްގައި އިއުލާންކޮށްލާކަށް ނޫނީ ފަށާކަށް އެކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެގޮތަކަށް. އަޅުގަނޑު ބޭނުންވަނީ ހަޤީގީ މާނައިގައި މި އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެންދާން. ވަރަށް ގިނަ ކަންކަން އެބަހުރި މިގޮތައް ދަންނަވަންހުރި." ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތާ ގުޅިގެން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންކަމަކީ ވަގުތުތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދެވޭ ކަންތައްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކެއް ކަމަށާ، އަނެއްބައި ކަންކަމަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު އެކަމަކަށް ފައްކާވުމާ ގުޅިފައި އޮތް މަސައްކަތްޕުޅުތަކެއްކަން ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ކުރިއަށްގެންދެވޭ މަޝްރޫޢުތަކާއި، ސީދާ ދިވެހި ސަރުކާރުން ހިންގަވާ މަޝްރޫޢުތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާޢަތް ކޮޅަށްޖަހާ ކުރިއަށް ގެންދެވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިރޭ ކުރިއަށްގެންދަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އުފާވެރި ޚަބަރުތަކެއް ޙިއްސާކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެއީ އިޚްލާޞްތެރިކަމާއެކު އަދާކޮށްދެއްވާނެ ކަންތައްތަކެއްކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. މަސްވެރިކަމުގެ ސިނާޢަތް، ޙަޤީޤީ މާނާގައި ކުރިއަރާދިއުމަކީ ބޭނުންފުޅުވާ ގޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މަސްވެރިންނާ ބައްދަލުކުރެއްވުމަށް ރ.ދުވާފަރުގައި ކުރިއަށްގެންދެވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، އެކިއެކި މުއައްސަސާތުގެ އިސްވެރިންނާއި، ސިނާޢަތުގައި އެކި ގޮތްގޮތުން ޝާމިލުވެވަޑައިގަންނަވާ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.





