ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ސަރުކާރުގެ އެތައް މިނިސްޓްރީއެއްގެ މަސައްކަތަށް ބުރޫއެރުމާ ގުޅިގެން ޗައިނާގެ ފަރާތުން ދެއްވި ކުއްލި އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ނަމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.
އެހީގެ ތަކެތި ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ޗައިނާ ސަރުކާރުން ދެއްވި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، 2.8 މިލިއަން އެމެރިކާ ޑޮލަރުގެ މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މި ކުއްލި އެހީގެ ޕެކޭޖްގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެއެވެ.
Minister @MoosaZameer attended the handover ceremony for the emergency assistance provided by the Government of China following the recent fire incident affecting several ministries.
The Minister conveyed the Government’s gratitude for the USD 2.8 million assistance package,… pic.twitter.com/MOagJeRVo7
— Ministry of Finance and Planning (@MoFmv) December 11, 2025
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ޢަމަލީ އެހީތެރިކަމެއް ނޫން ކަމަށާއި، އެއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ. ވަޒީރު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްޤީއާއި، ތަރައްޤީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ޗައިނާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮތް އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވެފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެކު ހެންޑޯވަރ ސެޓްފިކެޓްގައި ސޮއިކުރައްވައި، ރަސްމީކޮށް ދިވެހި ސަރުކާރަށް އެހީގެ ތަކެތި ބަދަލުކުރުން ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ ދެޤައުމަށް ވެސް ފައިދާވާނެ ގޮތަކަށް ޗައިނާއާ އެކު އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ދިވެހިރާއްޖެއިން ޢަޒުމު ކަނޑައަޅާފައިވާކަން ތަކުރާރުކުރައްވާފައެވެ.







