މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ދޫކުރާ، ޖުމްލަ 278 މިލިއަން ރުފިޔާގެ "އާރުވެރި" މެޗިންގ ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ކުރިއަށްގެންދާ "ޓްރާންސްފޯމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" (ޓްރާންސްފޯމް) ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސްކީމަށް ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.
ހުށަހެޅުމަށް ހުޅުވާލާފައިވާ ފަސް ދާއިރާއަކީ:
- ފިޝިންގ ފްލީޓް ޑީކާބަނައިޒޭޝަން ގްރާންޓް: މަސްދޯނިފަހަރުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރެވޭނެ ނިޒާމުތައް ގާއިމްކުރުމަށް
- ސާކުއިލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް: ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އުމްރާނީ ތަރައްޤީއަށާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ލައިސަންސް ލިބިގެން ހިނގާ ދަނޑުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް
- މެރިކަލްޗަރ ޑިވެލޮޕްމަންޓް ގްރާންޓް: މެރިކަލްޗަރ ދާއިރާއިން އަލަށް ފަށައިގަންނަ އަދި މިހާރުވެސް އެ ވިޔަފާރި ކުރަމުންދާ އަމިއްލަ ފަރުދުންނާއި ކުންފުނިތައް ތަރައްޤީކުރުމަށް
- މަހުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް ބާރުވެރިކޮށްދޭ ތަރައްޤީގެ މަޝްރޫޢު ހިންގުމަށް
- އެސް.އެމް.އީ ޑިވެލޮޕްމަންޓް ގްރާންޓް: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހުގެ އަގު އެއްކުރި އުފެއްދުންތައް އިތުރުކުރުމަށް. މި ގްރާންޓުގައި އަންހެނުންނާއި ޒުވާނުންގެ ވިޔަފާރިތަކަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.
މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. އަދި އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް މި ސްކީމްގެ ދަށުން ހިމެނެއެވެ.
ވުޒާރާއިން ބުނީ، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ވުޒާރާގެ ޕޯޓަލް (aaruveri.fishagriocean.gov.mv) މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ. ގްރާންޓަށް ކުރިމަތިލުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމަށް ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންޖެހޭނެއެވެ.






