ސްޕެޝަލް އިކޮނޮމިކް ޒޯންސް ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަ، ސަރުކާރުން ބޯޑް އޮފް އިންވެސްޓްމަންޓްސް މެދުވެރިކޮށް މިއަދު ދޫކޮށްފިއެވެ.
އިޤުތިޞާދީ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުން މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނިން ރަސްމީކޮށް ހުށަހެޅި އެޕްލިކޭޝަނަށް ހުއްދަ ދިނުމަށް ފާސްކޮށްފައިވަނީ 2025 ވަނަ އަހަރު ބޭއްވުނު ބޯޑުގެ ދިހަވަނަ ބައްދަލުވުމުގައެވެ.
އެ ވުޒާރާއިން ބުނީ 790 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު، މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި މުހިންމު ކުރިއެރުމެއް ކަމަށާއި، އެއީ ފަތުރުވެރިކަމަށް އެކަނި ބިނާކޮށްފައިވާ އާދައިގެ މޮޑެލްތަކުން އެއްކިބާވެ، މުސްތަގުބަލަށް އަމާޒުކޮށްފައިވާ، އެކި ސިނާއަތްތަކަށް ނިސްބަތްވާ ތަރައްގީތައް ގެނައުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ޓައުންޝިޕްގައި ލަގްޒަރީ ފެންވަރުގެ މެހެމާންދާރީގެ ޚިދުމަތްތަކާއި ރެސިޑެންޝަލް ބައިތަކުގެ އިތުރުން މުހިންމު އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާތައްވެސް މި ޓައުންޝިޕްގައި ހިމެނެއެވެ. އޭގެ ތެރޭގައި، ރާއްޖެއަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައިގަނޑު މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ، އެންމެ ޒަމާނީ މެޑިކަލް ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަރޝިޕް ސްކޫލެއް ހިމެނެއެވެ. އަދި ކާނާގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށް ތަރައްގީކޮށްފައިވާ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނިޒާމްތައް ހިންގާނެ ވަކި ރަށެއްވެސް ހިމެނެއެވެ.
މި މަޝްރޫޢަށް ބޭނުންވާ ކަރަންޓުގެ މަދުވެގެން 60 އިންސައްތަ އުފައްދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށްވާއިރު، މިއީ ގައުމީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށްވެސް އެހީތެރިވެދޭނެ ކަމެއް ކަމަށް އިޤުތިޞާދީ ވުޒާރާއިން ބުނެއެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް މި ޕްރޮޖެކްޓް ހިންގަން ފެށޭނެ ކަމަށް ލަފާކުރެވޭއިރު، މި މަޝްރޫޢުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އުފެދި، ސަރަހައްދީ އިގްތިސާދީ ހަރަކާތްތައް ސިންދަފާތުކޮށް، ދިގު މުއްދަތަށް ރާއްޖޭގައި މަޑުކުރާނެ ފަތުރުވެރިންނާއި މުއްސަނދިން ގެނެސްދޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދެވޭނީ މަދުވެގެން 500 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކަށެވެ.







