އެމްޑީޕީ ވެރިކަން ގެއްލި މާޔޫސްކަމުގެ ރަޖާލައިގެން އޮތް ވަގުތު އެއްކަލަ ރަޖާ ގަނޑުދަށުން ނުކުމެ ހިތްވަރުކޮށްގެން މާލޭ މޭޔަރު ކަމުގެ ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނީ އާދަމް އާޒިމް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އާޒިމްގެ މި ވާހަކައާއި ގުޅިގެން ސޯޝަލް މީޑިއާގައި މިހާރު ވަނީ ގިނަ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެފައެވެ.
އާޒިމް ވިދާޅުވީ، "މި އާދަމް އާޒިމް އަކީ ވެރިކަން ގެއްލި، ޕާޓީ މާޔޫސްކަމުގެ ރަޖާ ލައިގެން އޮތް ވަގުތު، އެއްކަލަ ރަޖާގަނޑު ދޮށުން ނުކުމެ ހިތްވަރުކޮށްގެން މާލޭގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށް، ޕާޓީއަށް ރޫހު ގެނުވައިދިން އާދަމް އާޒިމެއް،" މިހެންނެވެ.
އާޒިމްގެ މި ވާހަކަތަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ، މޭޔަރު ޕްރައިމަރީގައި ވަކި ފަރާތަކަށް ނުޖެހި މިހާތަނަށް ހުރި ކަމަށް ވިޔަސް، އެމްޑީޕީގެ ހަރުގޭގައި މިފަދަ ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މާރިޔާގެ ވާހަކަފުޅުގައި، 2023 ގެ އިންތިޚާބުން ބަލިވުމާ ގުޅިގެން އެމްޑީޕީ އަކީ ހުން އައިސް ރަޖާލައިގެން ތިބި ފިނޑި ބައެއް ކަމަށް އާޒިމް ސިފަކުރެއްވުމަކީ، އެމްޑީޕީގެ ހިތްވަރުގަދަ ރީންދޫ ލަޝްކަރަށް ކުޑައިމިސްކޮށް ދެއްކެވި ވާހަކައެއް ކަމަށް ފާހަގަކުރެއްވިއެވެ.
މާރިޔާ ވަނީ އެމްޑީޕީގެ ތާރީޚުގެ މުހިންމު ދުވަސްތައް ހަނދާންކޮށްދެއްވާފައެވެ. އެގޮތުން، 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި އެމްޑީޕީގެ ސަރުކާރު ވެރިކަމުން ވަކިކުރި އިރު، "ޖަހާނެ ބަޑިއެއް، ބިޑިއެއް، ވޯޓަރ ގަން އެއް، މުގުރެއް، ޕެޕަރ ސްޕްރޭ، އަދި ޙުކުމަކަށް ޖެހިލުމެއް ނެތި، ނުކުތީ އެމްޑީޕީގެ ރީންދޫ ލަޝްކަރު ކަމަށް" މާރިޔާ ވިދާޅުވިއެވެ. އަދި 2013 ގެ ވެރިކަމުގައި ގިނަ ސިޔާސީ ފަރާތްތަކެއް ޖަލަށް ލުމުން ވެސް ފަހަތަށް ނުޖެހި އިޙްތިޖާޖަށް ނުކުތީ އެ ރީންދޫ ލަޝްކަރު ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.
މާރިޔާ ވިދާޅުވީ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، ޕާޓީގެ ޓިކެޓަށް ވާދަކުރައްވަމުން އެމްޑީޕީގެ ހިތްވަރުގަދަ ރީންދޫ ލަޝްކަރަށް މިހާ ކުޑައިމިސްކޮށް ދެކެވަޑައިގެން، "އެމްޑީޕީގެ ހުރިހާ ވެސް ހިތްވަރަކީ ތިމަން މަނިކުފާނު ކަމަށް ވިދާޅުވެ" ވާހަކަ ދެއްކެވުމަކީ، އެމްޑީޕީގެ މަންމަ ކަމަށް ގިނަ މެންބަރުން ބުނާ މީހެއްގެ ޙައިސިއްޔަތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މާރިޔާ ވަނީ އާޒިމްގެ ވާހަކަފުޅަށް އެމްޑީޕީގެ ރީންދޫ ލަޝްކަރުގެ ކިބައިން މާފަށް އެދިވަޑައިގަތުމަށް ގޮވާލައްވާފައެވެ.
މާރިޔާގެ އިތުރުން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުން ދަނީ އާޒިމްގެ މިވާހަކައަށް ސޯޝަލްމީޑިއާގައި ފާޑުކިޔަމުންނެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި މޭޔަރު އާޒިމާއި ވާދަކުރައްވާނީ އަލީ އާޒިމްއެވެ. ޕްރައިމަރީގެ ކެމްޕެއިން ފެށިފައިވާއިރު މޭޔަރު އާޒިމްއަށް ވަނީ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ.






