ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އައިޓީ ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ދައުވާކުރާނެ ހެއްކެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ. ފަޒުލް އާއި ޝުހޫދުގެ މައްޗަށް ކުރި ތުހުމަތަކީ އެޗްޑީސީގެ ސާވަރގައި ހުރި ލިޔުންތަކެއް ރިކަވަ ނުކުރެވޭ ގޮތަށް ޑިލިޓް ކޮށްފައިވާ ކަމުގެ ތުހުމަތެވެ. ނަމަވެސް، ޕީޖީ އޮފީހުން ވަނީ މި މައްސަލަ ފައިލްކޮށްފައެވެ.
ޕީޖީ އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން، ފަޒުލް އާއި ޝުހޫދުގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގާރީނާ ލިބިފައި ނުވާތީ، އެ މައްސަލަ މިހާރު ވަނީ ފައިލްކޮށްފައެވެ. އެ މައްސަލާގައި އެ ދެމީހުންގެ މައްޗަށް ކުރި ތުހުމަތަކީ ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވަރގެ ތެރެއިން ޑިލިޓް ކޮށްލާފައި ވާތީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން ކަމަށް ޕީޖީން ބުންޏެވެ.
މި ތުހުމަތުތަކާ ގުޅިގެން ހޯދާފައިވާ ހެކިތަކަށް ބަލާއިރު، އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ އެ ކުންފުނީގެ ސާވަރގެ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލިޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާ ކަމަށެވެ. މީގެ އިތުރުން، ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ވެސް ފަޒުލް އާއި ޝުހޫދު އެޗްޑީސީގެ ސާވަރގެ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައި ނުވާ ކަމަށް ޕީޖީން ފާހަގަކުރެއެވެ.
ޕީޖީގެ ވެބްސައިޓުގައި ބުނެފައިވަނީ، "އެހެންކަމުން، އިބްރާހީމް ފަޒުލް ރަޝީދާއި އަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވެ އެވެ،" މިފަދައިންނެވެ. މިއީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދޫކޮށްފައިވާ މައްސަލާގައި ފުލުހުން ފަޒުލްއަށް ކުރި ތުހުމަތެކެވެ.
ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކާ ގުޅޭ ގޮތުން ފުލުހުންނާއި އޭސީސީން ގުޅިގެން މިދިޔަ އަހަރުން ފެށިގެން އަންނަނީ ތަހުގީގުތަކެއް ހިންގަމުންނެވެ. މި ތަހުގީގުތަކުގެ ތެރޭގައި ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިން ދޫކުރުމުގެ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލަ އަދި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި އޮޅުވާލުންތައް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ހިމެނެއެވެ.







