Thursday, November 5
މަރުވި މީހާގެ ހަށިގަނޑުން ސިއްހީ ޚިދުމަތްދޭ ތަނެއްގައި މަސްތުވާ ތަކެތި ނުނެގީ މާބޮޑަށް ހަށިގަނޑު ކުނިވެފައިވާތީ: ފުލުހުން

ސިއްހީ ޚިދުމަތްދޭ ތަނެއްގައި މަރުވި މީހާގެ ހަށިގަނޑުން ފެނުނު މަސްތުވާ ތަކެތި ނުނެގީ، ހަށިގަނޑު މާބޮޑަށް ކުނިވެ (ޑީކޮމްޕޯސް) ވެފައިވާތީ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ، 2025 ނޮވެމްބަރު 30 ވަނަ ދުވަހުގެ 12:57 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މީހަކު ނިޔާވެފައިވާ މައްސަލައާ ގުޅޭގޮތުން މީޑިއާއަށް ފޮނުވި މެސެޖެއްގައެވެ.

ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، ނިޔާވެފައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. މިމީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެމީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހުއެވެ. އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިންގ ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ.

ނިޔާވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވާއިރު، ހަށިގަނޑުގެ ސީޓީ ސްކޭނެއް ހެދުމުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަން ފާހަގަކުރެވުނެވެ. މިކަމާ ގުޅިގެން ގާނޫނީ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދުމަށްފަހު، 2025 ޑިސެންބަރު 2 ވަނަ ދުވަހުގެރޭ ޑޮކްޓަރެއްގެ އެހީތެރިކަމާއެކު މަސްތުވާތަކެތި ނަގާފައިވެއެވެ. އެހެންނަމަވެސް، މި އޮޕަރޭޝަން ސިއްހީ ޚިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ، އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުންނެވެ.

ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ޚާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކުއެވެ. އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި، މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާތީ، މައުލޫމާތު ހާމަކުރުމުގައި ސަމާލުކަން ދީފައިވާ ކަމަށެވެ.

ފުލުހުން ވަނީ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަކުރައްވާއިރު ދޮގު މައުލޫމާތު ނުފެތުރުމަށާއި ތެދު މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފައެވެ. މިމައްސަލަ މިހާރުވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު