ވާނުވާބަންދު ތަޢާރަފްކުރީ އެމްޑީޕީ ވެރިކަމުގައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ވާނުވާބަންދު (ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުން) ތަޢާރަފްކޮށް، މި ބަންދުގައި ރައްޔިތުން ބައިތިއްބަން ފެށީ އެމްޑީޕީގެ ވެރިކަމުގައި ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ. ޝުޖާއު މިހެން ވިދާޅުވީ މިއަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއުގެ ޕޯސްޓުގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ވާނުވާ ބަންދުގެ މައްސަލަ ފަސް މިނިޓުން ހައްލުކުރެވޭނެ ކަމަށް ވިދާޅުވާ ޕީއެންއެފްގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގައި މިކަން ވީ އިތުރެވެ. އަދި ޖެހިގެން އައި އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙްގެ ސަރުކާރުންވެސް ވާނުވާ ބަންދަށް ހައްލެއް ހޯދުމުގެ ވިސްނުން ނުގެންގުޅުއްވައި، މައްސަލަ ޖަހަމުން ޖަހަމުން ގެންދިޔަކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވާނުވާ ބަންދުގެ ހައްލަކީ ފުނިޖެހިފައިވާ މައްސަލަތައް އަވަހަށް ނިންމޭނެ އިންތިޒާމްތައް ޖުޑިޝަރީއަށް ފަހިކޮށް ދެއްވުމެވެ. ޝުޖާއު އިޝާރާތްކުރެއްވި ގޮތުގައި، ފަސް މިނިޓުން މިކަން ހައްލުކޮށްދެއްވަން ވިދާޅުވި ރައީސްގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ސީލިންގ ވެއްޓުނީ ފަނޑިޔާރުންގެ ބޮލަށެވެ. އަދި އެބޭފުޅާ ފަސް މިނިޓް އިންނެވީ ތާސްކުޅުމުގައި ކަމަށްވެސް ޝުޖާއު ތުހުމަތުކުރެއްވިއެވެ. ކޯޓުތަކުގެ ފަނޑިޔާރުން ވިދާޅުވަމުން ގެންދެވީ މަސައްކަތްކުރާނެ ފަހި މާހައުލެއް ނެތި މިއީ ހައްލު ހޯއްދެވުމަށް ދަތިފުޅު މައްސަލައެއް ކަމުގައެވެ.
ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވާނުވާ ބަންދަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ވަޢުދާއެކު ކަމަށާއި، ހައްލަކީ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ ފަހި މާހައުލަކާއި މާލީ މިނިވަންކަމާއި ވަޞީލަތްތައް ކަމުގައެވެ. އަދި ރައީސްގެ ވަޢުދާ އެއްގޮތަށް މިކަން މިހާރު ވަނީ ޖުޑިޝަރީއަށް ފަހިކޮށްދެއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން ޤާނޫނާއި ޤަވާއިދުގެ ތެރެއިން ވާނުވާ ބަންދުގައި ތިއްބެވި ބައެއް ފަރާތްތައް ޓެގް އަޅުވައި ބަންދުން ވީއްލާފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. ނަމަވެސް، ފަސް މިނިޓުން މިކަން ކުރެވޭނެ ކަމަށް ވިދާޅުވި ރައީސް ޔާމީނަށާއި، އެމްޑީޕީގެ ދެ ވެރިކަމުގެ ދެ ރައީސުންނަށް މިވަރުވެސް ކޮށްނުލެވުން ނޫންތޯ ޝުޖާއު ސުވާލު އުފެއްދެވިއެވެ. ޝުޖާއު ވިދާޅުވީ، މާތް ﷲގެ ހެޔޮ ރަޙްމަތާއެކު މިކަން ހެޔޮ ނިޔަތުގައި ހައްލު ކުރައްވާނީ ރައީސް ޑރ. މުޢިއްޒު ކަމަށެވެ.





