Thursday, November 5
ޑްރަގު އެތެރެކުރުމުން ރާއްޖޭގައި މަރުގެ އަދަބު ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނެސްފި

ރާއްޖެއަށް ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. 65 މެންބަރުންގެ ވޯޓާއެކު ފާސްކުރި މި އިސްލާހުގެ ސަބަބުން، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންދާނެއެވެ.

މި އިސްލާހުގައިވާ ގޮތުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައެޅޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައެވެ. މަރުގެ އަދަބު އިއްވުމަށް ދެ ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. އެއީ އެމީހަކު އެތެރެކުރި މަސްތުވާތަކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވުމާއި، އެ މަސްތުވާ އެއްޗަކީ އެ މީހަކު ރާއްޖެއަށް އެތެރެވިއިރު އޭނާ އެތެރެކުރި އެއްޗަކަށްވުމެވެ.

މަރުގެ އަދަބު ދިނުމަށް ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތެއްގައި، އެމީހެއްގެ މައްޗަށް އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމުގެ އަދަބާއެކު، 100،000ރ. އިން ފެށިގެން 10،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ކޮމިޓީން ބިލަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށްލުމުގެ އަދަބަކީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށްލުމެވެ.

މީގެ އިތުރުން، މި ބިލުގައި ކަނޑައަޅާފައިވާ ގޮތުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްތަކެކެވެ. އަދި މިފަދަ ނުރައްކާތެރި މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ވެގެން ނުވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި އިސްލާހަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށްޓަކައި މިފަހުން އަޅާފައިވާ އެންމެ ވަރުގަދަ ފިޔަވަޅެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު