ބަރުދަން ދަށްކުރުމަށް ކުރާ ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެރިއަޓްރިކް ސަރޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަން ތަކެއް ކަމަށާއި، މި އޮޕެރޭޝަންތަކުން ޙާޞިލުވާ ފައިދާ ތަކުގެތެރޭގައި ބަލިމިހާއަށް ރަނގަޅު ސިއްޙަތެއް ލިބިދިނުމާއެކު ނަފްސާނީ ދުޅަހެޔޮކަން ރަގަޅުވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރި ކަމާއި ހިތްހަމަޖެހުން ގެނުވައިދިނުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުން ހިމެނޭއިރު، އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނޭ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
އިއްޔެ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ޚިދުމަތް ގާއިމް ވެގެން ދިއުމަކީ މިދެންނެވެނު ބަލިތަކަށް ޒަމާންތަކެއްވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުއްމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއް ކަމުގައި ހަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ހަލީމް ވިދާޅުވީ ސަރުކާރުގެ ހޮސްޕިޓަލެއްގައި މުޅިން އަލަށް މިފަދަ މުހިންމު ހިދުމަތެއް ފެށުމަށް ސަރޖަރީ ޑިޕާޓްމަންޓުގެ ޓީމުން މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާއިރު، މި މަސައްކަތް ކާމިޔާބު ވީ އެތައް ބައެއްގެ މަސައްކަތުންނާއި އެހީތެރިކަމާއެކު ކަމަށެވެ.
"އޭގެ ތެރޭގައި މި ހޮސްޕިޓަލުގެ ސަރޖަނުންނާއި، އެފަރާތްތަކާ އެކު މަސައްކަތްކުރާ ހޭނައްތާ ޑޮކްޓަރުން، ނަރުހުން، އެހެނިހެން ޓެކްނިކަލް/ކްލިނިކަލް މަސައްކަތްތެރިންނާއި އިދާރީ މުވައްޒަފުން އަދި ސަޕޯޓް ސްޓާފުން ފާހަގަކުރެވޭ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސަރޖަން، ޑރ. އަޒްނާގެ ނަން ވަކިން ފާހަގަކޮށް މަރުޙަބާ ދަންނަވަން"، ހަލީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ހަލީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަވަމުންދާ ހަރުދަނާ އަދި ތަރައްޤީގެ ކުރިއެރުންތަކަކީ ފަހުގެ ތާރީޚެއްގައި މި ދާއިރާއިން ދެކުނު ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކެއްކަން ޔަޤީން ކަމަށެވެ.
"މިފަދަ އައު ޚިދުމަތްތައް ތަޢާރަފުކޮށް، ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން"، ހަލީމް ވިދާޅުވިއެވެ.






