Monday, November 2
ވިލިމާލޭގައި 500 ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ގެ ދަށުން،  ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުމެވެ.

 

 ވިލިމާލޭގައި އިއްޔެ ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން 100 ދިވެހި ރުއް ވަނީ ވިލިމާލޭގެ ތިން ސަރަހައްދެއްގައި އިންދާފައެވެ. މީގެ އިތުރުން 100 އަށް ވުރެ ގިނަ ހައިވަކަރު ގަސްވެސް މި ހަރަކާތުގެ ދަށުން ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އިންދާފައެވެ. މިގޮތުން، މިހާރު ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެ ވާނެ ކަމަށް މި މަޝްރޫޢާ ގުޅޭ ފަރާތްތަކުން ބުނެއެވެ. ހައިވަކަރަކީ މިވަގުތު ރާއްޖެއިން ވަރަށް މަދުން ފެންނަ ގަހެކެވެ. މިގޮތަށް މަދުން ފެންނަ ގަސްތައް ގިނަކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ ތިމާވެށީގެ ދިރުންތައް ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ.

 

މި ހަރަކާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް، މިނިސްޓަރ އޮފް ސްޕޯރޓްސް،ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނަޒިމް އިބްރާހިމް، ވިލިމާލެ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އިސްމާޢީލް އާއި ސަރުކާރުގެ ވަރަށް ގިނަ އިސްވެރިންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި މިނިސްޓްރީތަކުގެ އިސްވެރިންނާއި އެކިއެކި ވުޒާރާތަކުގެ އިސްވެރިން ގަސް އިންދަވާދެއްވާފައިވެއެވެ.

 

މީގެ ސަބަބުން މި ޤައުމީ މަޝްރޫޢަށް ދެވޭ ސަމާލުކަން ފާހަގަވެގެން ގޮސްފައިވެއެވެ. "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އަކީ ރާއްޖޭގެ ރީތިކަން ދިރުވައި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ 5 ޖޫން 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު