އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީ (ކޮންގްރެސް ޕާޓީ) ގެ ކެމްޕޭން މެނޭޖަރުގެ ގޮތުގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހަމަޖައްސައިފިއެވެ.
ފަލާޙް ކެމްޕޭން މެނޭޖަރުކަމަށް ހަމަޖެއްސިކަން އިޢުލާންކުރީ ރޭ އެ ޕާޓީން އާއްމުކުރި މީސްމީޑިއާ ޕޯސްޓުގައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ބުނެފައިވާގޮތުން އަންނަ އަހަރު ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ 2026 މާރިޗު 28 ވަނަ ދުވަހެވެ. މަޤާމުތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަން ހަމަޖެހިފައިވަނީ ޖަނަވަރީ 17 ވަނަ ދުވަހެވެ.
އަންނަ އަހަރުގެ ކައުންސިލް އިންތިޚާބު ބާއްވާނީ، ލާމަރުކަޒީ ޤާނޫނަށް އަލަށް ގެނައި އިޞްލާޙާއެކު އިންތިޚާބުކުރާ ކުރާ ކައުންސިލަރުންގެ އަދަދު މަދުކޮށްގެންނެވެ. ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުއްވީ ފަލާޙެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ނޮވެމްބަރު 27 ވަނަ ދުވަހު، ލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙް ފާސްކޮށްފައެވެ.






