ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް ކުޑަކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ދިން މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި އަތޮޅު ތެރޭގެ ރަށެއްގައި ތިބޭ ކުދިންތަކެއް، އެ ރަށުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ދިން މައްސަލަ ނޮވެންބަރު 22 ވަނަ ދުވަހުގެ 18:35 ހާއިރު ުފލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ ބެލެނިވެރިޔާ މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ 10 އަހަރުގެ ފިރިހެން ދަރިފުޅު މިސްކިތަށް ދިޔަ މަގުމަތީގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ 17 އަހަރުގެ ދެ ކުއްޖަކު، އޭނާގެ ދަރިފުޅަށް ގަދަކަމުން ސިނގިރޭޓު ބޯންދީފައިވާ ކަމަށާއި، ކުއްޖާގެ ގައިގައި ސިނގިރޭޓު ޖައްސައި އަނިޔާކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަދި އެކަމުގެ ވާހަކަ ދައްކައިފިނަމަ، މައިންބަފައިން މަރާލާނެ ކަމަށް ބުނެ އެ ކުއްޖާއަށް އިންޒާރު ދީފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.






