މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މާލޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން މާލެ ސިޓީގެ ހުރިހާ އަވަށަކަށް އަމާޒުކޮށް މާލެ ސިޓީގެ ދާއިރާތަކުގައި ތިއްބެވި އަންހެން ކަނބަލުންގެ ތެރެއިން އަމިއްލަ މަސައްކަތުން ކުރި އެރުން ހޯދަމުން އަންނަ އަންހެން ކަނބަލުންނަށް ހާއްސަކޮށް 2023 ވަނަ އަހަރު ދޭން ފެށި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ރަނި އެވޯޑް" މި އަހަރުވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމާއި "ރަނި އެވޯޑް 2025" ގެ ގަވާއިދު ކައުންސިލްގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ. އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ފުރުމަށްފަހު މެއިލްކުރާނަމަ ކުރާނީ މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެއިލް އެޑްރެސް އަށެވެ. މީގެ އިތުރަށް އެ އިދާރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް މި އޮފީހުން ފޯމު ދޫކުރާނެއެވެ. މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީސް (އެމް ޑަބްލިޔު އެސްސީ 4 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 13:30 އަށް ބަލައިގަންނާނެއެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ނޮވެންބަރު 25 ވަނަ ދުވަހުގެ 13:30ގެ ނިޔަލަށެވެ.
މި އެވޯޑަކީ މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން 2023 ވަނަ އަހަރުން ފެށިގެން ދޭން ފެށި އެވޯޑެކެވެ.






