އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކައުންސިލަރުންނަށް އަމާޒުކޮށްގެން ބޭއްވި ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމް ފުރިހަމަ ކުރި ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދެއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލަރުންނަށް ހުއްދަ އެރުއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދެވެ.
މި ޕްރޮގްރާމް ފުރިހަމަކުރި 36 ކައުންސިލަރުންނަށް ވަނީ ހުއްދަ ދީފައެވެ. މިއީ، ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ކައުސިލަރުންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުތުބާ ކިއުމުގެ ހުއްދަ ދިނުމަށް މިގޮތަށް ބޭއްވި ފުރަތަމަ ޕްރޮގުރާމްކަން ފާހަގަކޮށްލެވެއެވެ. ޚަޠީބުން މަދުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމެވެ. މިހާތަނަށް މި ޕްރޮގްރާމުގެ 3 ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު، 503 އަށްވުރެ ގިނަ ޚަޠީބުން ސަނަދު ޙާސިލްކޮށްފައިވެއެވެ. ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުން އަދި ދެވަނަ ބުރުގައި 169 ޚަޠީބުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. 3 ވަނަ ބުރުގައި 269 ޚަތީބުން ސަނަދު ހާސިލްކޮށްފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ، މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.
ޒުވާން ޚަޠީބުންގެ ތަމްރީން ޕްރޮގުރާމަކީ، ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް ޕްރޮގުރާމެވެ.





