މިއަދުގެ ދުނިޔޭގައި ޤައުމުތަކުގެ މިނިވަންކަމަށާއި ސިޔާދަތާއި އިސްތިޤުލާލަށް އަސަރު ފޯރުވަނީ ހަމައެކަނި ކަނޑި އަދި ބަޑީންނެއް ނޫން ކަމަށާއި، ރައްކާވެތިބިއްޔާ ދަތުރު ކަމަށް ކުރީގެ ދިފާޢީ ވަޒީރު މުޙައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ގައްސާން މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވަމުންނެވެ. ގައްސާން ވިދާޅުވީ، އެއީ ހަމައެކަނި ބޭރުން ނުވަތަ ދުޝްމަނުންގެ ގޮތުގައި ދެކޭ ފަރާތްތަކުން އެކަނި ކުރާ ކަމެއް ނޫން ކަމަށާއި، ޤައުމަށް ފާޅުކަން ބޮޑު ގޮތެއްގައި ގެއްލުން ލިބިދާނެ ކަމަށް ފެންނަ ކަންކަމުން އެކަނިވެސް ނޫން ކަމަށެވެ.
3 ނޮވެމްބަރު 1988 ގައި ދިވެހި ސިފައިން ކުރެއްވި މަތިވެރި ޖިހާދަށް އެދުވަހު ފަޚުރުވެރިވި ފަދައިން މިއަދުވެސް ފަޚުރުވެރިވާ ކަމަށް ގައްސާން ވިދާޅުވިއެވެ. އަދި ދިވެހި ސިފައިންގެ އިޚްލާޞްތެރިކަމާއި ހިތްވަރާއި އަޒުމާއި ޙުއްބުލްވަޠަނުގެ ސިފަތައް ގާތުން ދެކިލުމުގެ ފުރުސަތު ލިބި ތަޖުރިބާކުރެވިފައިވާތީ، ދިވެހި ސިފައިންނަށް ފަޚުރުވެރިވަނީ ނުހަނު ލޯތްބާއެކު ކަމަށްވެސް ގައްސާން ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު، ލެޔާއި ފުރާނައިން ޤުރުބާންވެގެންވެސް އެދުވަހެކޭ އެއްފަދައިން މާތްﷲގެ ރަޙްމަތްފުޅާއެކު މިއަދުވެސް ދިވެހި ސިފައިން ޙިމާޔަތްކުރާނެކަން ކަށަވަރު ކަމަށްވެސް ގައްސާން ވިދާޅުވިއެވެ.
ނަޞްރުގެ ދުވަހަކީ 3 ނޮވެމްބަރު 1988 ގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ނަގާލުމަށް ބޭރުގެ އުދުވާނީ ބާރަކާ ގުޅިގެން ދިން ހަމަލާއިން ދިވެހި ޤައުމު ސަލާމަތްވުމުގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.






