Thursday, November 5
އިޒްރާއިލް ފިޔަވައި ހުރިހާ ގައުމަކާއި ގުޅުން ބަދަހިކުރާނަން :ރައީސް

އިޒްރާއިލް ފިޔަވައި ހުރިހާ ގައުމަކާއި ގުޅުން ބަދަހިކުރާނެ ކަމަށާއ ، ފަލަސްތީނަށް އަނިޔާވެރިވާ ހިނދަކު، އިސްރާއީލްގެ ރައްޔިތުންނަށް ރާއްޖެއަކުން މަރުހަބާ ނުކިއާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ތާރީހުގައިވެސް ބާއްވާ އެންމެ ބޮޑު އެއްވުން ކަމަށްވާ "ދިވެހިންގެ ރާއްޖެ" ޖަލްސާގައި މިރޭ ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ހާރިޖީ ސިޔާސަތަކީ އެކުވެރިކަމާއެކު ރާއްޖެއާއެކުގައި ކުރިއަށްދާން ބޭނުންވާ ކޮންމެ ގައުމަކާ އެކީގައި ގުޅުން އޮންނާނެ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ  އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދިޔަ ހަމަލާތަކާއި ގުޅިގެން، އިސްރާއީލުގެ އެއްވެސް މީހަކު ރާއްޖެ އެތެރެ ނުވެވޭ ގޮތަށް، ގާނޫނަށް ބަދަލު ގެނެސްގެން ޕާސްޕޯޓް ބޭންކޮށްފައެވެ. މިގޮތުން  އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހުން އޭޕްރިލް 15 ވަނަ ދުވަހު ފާސްކުރި ބިލް، ރައީސް ޑރ. މުއިއްޒު ވަނީ ހަމަ އެ ދުވަހު ތަސްދީގުކުރައްވައިފައެވެ. އެ ބިލު ތަސްދީގު ކުރެއްވުމަކީ މީގެ ކުރިން އެއްވެސް ރައީސަކަށް ކެރިވަޑައިނުގެންނެވި ނިންމެވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އިސްރާއީލް ފިޔަވައި ހުރިހާ ގައުމަކަށް މަރުހަބާ ކިއާނެ ކަމަށާއި، ނަމަވެސް ފަލަސްތީނަށް އަނިޔާވެރިވާހާ ހިނދަކު އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖޭގެ ރީތި ބީޗުތަކަށް މަރުހަބާ ނުކިއާނެ ކަމަށެވެ. "އިސްރާއީލް ފިޔަވައި ހުރިހާ ގައުމަކަށް މަރުހަބާ ކިއާނެ. މިތަނުގެ ރީތި ބީޗުތަކަށް މަރުހަބާ ނުކިއާނަން ފަލަސްތީނަށް އަނިޔާވެރިވާހާ ހިނދަކު،" ރައީސް ވިދާޅުވިއެވެ. އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމުން ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތިވި ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އިސްރާއީލުން ޣައްޒާއަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމަލާތައް ދެމުން އަންނައިރު، މިދިޔަ އޮކްޓޯބަރު މަހުގެ 10 އިން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަމުން ދިޔަ ނަމަވެސް،  އަދިވެސް ދަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު