Thursday, November 5
އަތުލައިގަތް ބޯޓުގައި ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 350 ކިލޯއަށްވުރެ ގިނަ ޑްރަގާއެކު އަތުލައިގަތް ލަންކާގެ މަސް ބޯޓުގައި ތިބި އެ ގައުމަށް ނިސްބަތްވާ ފަސް މީހުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ. މި މީހުން ހައްޔަރުކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގަ އެވެ.

މި މައްސަލައަކީ ގިނަ ބަޔަކު ޝާމިލުވެގެން ކުށްކުރާ ނެޓްވޯކަކުން ހިންގާފައިވާ ކުށެއް ކަމަށް ބެލެވޭ ކަމަށް، އެ ފަސް މީހުންގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވެ އެވެ. މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރި ސްރީލަންކާގެ ފަސް މީހުންނަކީ: ކޭ އެން އައި ޕެއިރިސް، 39؛ ސިންގައްޕުލިގެ ނިމަލް ރަންޖިތު، 63؛ ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް، 34؛ މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ، 42؛ އަދި ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ، 28 އެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ސްރީލަންކާގެ އެ މަސް ބޯޓު ބަލައި ފާސްކުރިއިރު، 355.9 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ 24 ގޯނި ފެނިފައިވެ އެވެ. ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 58.6 ކިލޯގެ ހެރޮއިން އާއި 297.3 ކިލޯގެ މެތަމްފެޓަމިން ހިމެނެ އެވެ.

މި ބޯޓު ރާއްޖެއަށް އެތެރެވިކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ފޯރުކޮށްދީފައިވަނީ ސްރީލަންކާގެ ނޭވީން ކަމަށް، އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. ލަންކާއިން ފޯރުކޮށްދިން މައުލޫމާތާއެކު އެމްއެންޑީއެފް އިން ވަނީ ޑްރޯން ބޭނުންކޮށްގެން އެ ބޯޓު އަތުލައިގަނެ، އޭގައި ތިބި މީހުންނާއި ބޯޓުގައި ހުރި ތަކެތި ބެލުމުގެ ދަށަށް ގެނެސް ފުލުހުންނާ ހަވާލުކޮށްފަ އެވެ. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު