އިންޑިއާގެ ވެރިރަށް ދިއްލީގެ އެންމެ މަޝްހޫރު ތާރީޚީ ތަނެއް ކަމަށްވާ ރެޑް ފޯޓް ސަރަހައްދުގައި ގިނަ އަދަދެއްގެ ގޮވުންތަކެއް ގޮވާ، ނުވަ މީހަކު މަރުވެ، 30 މީހަކު ޒަޚަމްވެއްޖެއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ހިނގި މި ހާދިސާއާ ގުޅިގެން ދިއްލީ މިވަނީ ހައި އެލާޓަށް ގެނެސް، ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ގޮވުންތައް ގޮވާފައިވަނީ ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ ގޭޓް ނަންބަރު 1 ކައިރީގައި އޮތް ކާރެއް ތެރޭގައެވެ.
މި ހަމަލާގައި ޒަޚަމްވި މީހުންނަށް ދިއްލީގެ އެކި ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. "ލާލް ކިލާ" ގެ ނަމުން މަޝްހޫރުވެފައިވާ ރެޑް ފޯޓް ހުންނަނީ ދިއްލީގެ ތޮއްޖެހިފައިވާ ސަރަހައްދެއްގައެވެ. މިއީ ދިއްލީގެ އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ އެއް މަންޒިލް ކަމުން، ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ ބަޔަކު ތިއްބެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ގޮވުންތަކާއި ގުޅިގެން ދިއްލީގެ ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދު ބަންދުކޮށް، ތަހުގީގުތައް ފަށާފައެވެ. ސަލާމަތީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ހާދިސާއާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރަކީ މި ސަރަހައްދަށް ނާޒުކު ވަގުތުތަކެކެވެ.
މި ހަމަލާއަކީ އިންޑިއާގެ ސަލާމަތަށް ދިން ވަރުގަދަ ހަމަލާއެއް ކަމަށް ބެލެވޭއިރު، މިއީ އިންޑިއާގެ ސަރަހައްދީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ. އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ސީދާ ހަނގުރާމަ ފެށިއްޖެ ނަމަ އޭޝިއާ ސަރަހައްދުގެ ހަމަޖެހުން އެއްކޮށް ނެތިގެންދާނެ ކަމަށް ބެލެވެއެވެ. މި ދެ ގައުމަކީވެސް ނިއުކްލިއަރ ގޮތުން ބާރުގަދަ ދެ ގައުމަށްވާއިރު، އިންޑިއާގެ ރެޑްފޯޓްގެ މި ހަމަލާ އަކީ ޓެރެރިސްޓް ހަމަލާއެއްނަމަ އެކަމާއި ގުޅިގެން އިންޑިއާއިން ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ބެލެވެއެވެ.




