ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ރާއްޖެއިން ބޭރުގައި އެ ބޭންކުގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ލިމިޓް މާދަމާއިން ފެށިގެން އިތުރުކޮށްފައެވެ. މި ބަދަލާއެކު، ބޭސްފަރުވާ، ޓިކެޓު ގަތުން އަދި ހޮޓެލްތަކަށް ޑެބިޓް ކާޑުން ދެއްކޭނެ އަދަދު ވެސް ވަނީ 3،000 ޑޮލަރަށް ބޮޑުކޮށްފައެވެ.
ބީއެމްއެލް އިން މާދަމާއިން ފެށިގެން އަޅާ މުހިންމު ތިން ފިޔަވަޅެއްގެ ވާހަކަ އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ސެޕްޓެމްބަރު މަހު މ. މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
އެ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަކީ، ބީއެމްއެލްގެ އަހަރީ ދުވަހާ ގުޅިގެންނާއި ނޮވެމްބަރު 11 ވާ ޖުމްހޫރީ ދުވަހާ ގުޅިގެން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅެކެވެ. އެއީ ރާއްޖެއިން ބޭރުގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކުން ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އަދަދު 1،000 ޑޮލަރަށް އިތުރުކުރުމެވެ. މިހާރު ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ކެނޑެނީ 500 ޑޮލަރެވެ.
މީގެ އިތުރުން، އެއާލައިން ޓިކެޓު ގަތުމަށާއި، ރާއްޖެއިން ބޭރުގައި ހޮޓަލަށް ފައިސާ ދެއްކޭނެ އަދަދު ވެސް އެއް ތާރީޚަކުން ފެށިގެން 3،000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ އިއުލާން ކުރައްވާފައެވެ. އަދި ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ، ބޭންކުގައި އެދިގެން ޑެބިޓް ކާޑު ބޭނުންކޮށްގެން ހޮސްޕިޓަލަށް ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ބީއެމްއެލްގެ ކަސްޓަމަރުންނަށް މި އާ ލިމިޓްތައް ބޭނުންކުރަން ފެށޭނީ އިތުރު އެއްވެސް އެޕްލިކޭޝަނެއް ހުށަހެޅުމަކާ ނުލައި ވަގުތުންނެވެ.
ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖެނުއަރީ 1 އިން ފެށިގެން ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުތަކުގައި ބޭނުންކުރާ ޗައިނާގެ ޔޫނިއަން ޕޭގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ވެސް ދާދި އަވަހަށް ރާއްޖޭގައި ތައާރަފު ކުރެވޭނެއެވެ.
އަދި ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) ވަނީ %2.5 އިން %1 އަށް ކުޑަކޮށްފައެވެ. މިއީ މި ރޭޓް ކުޑަކުރި ފުރަތަމަ ފަހަރެވެ.





