ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢުގެ ދަށުން، ލ. ގަމުގައި ގަސް އިންދުމަށް ޚާއްސަ ދެ ނާސަރީ ތަރައްޤީކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ގައުމުގެ ފެހިކަން އިތުރުކޮށް، މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުޢިއްޒު އިޢުލާންކުރައްވާފައިވާ ހަރަކާތެކެވެ. މި ޕްރޮގުރާމް ރަސްމީކޮށް ފެށިފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން 5 ޖޫން 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.
ލ. ގަމުގައި ތަރައްޤީކުރެވޭ މި ދެ ނާސަރީއަކީ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިތުރަށް ފުޅާކޮށް، ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްޓަކައި ހިންގާ މަސައްކަތެކެވެ. މި ނާސަރީތަކުގެ ތެރޭގައި 20,000 އަކަފޫޓުގެ ނާސަރީއަކާއި 100,000 އަކަފޫޓުގެ ނާސަރީއެއް ހިމެނެއެވެ. 20,000 އަކަފޫޓުގެ ނާސަރީ މި އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ. އަދި 100,000 އަކަފޫޓުގެ ނާސަރީ އަންނަ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 55,000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށް ވެސް ޗައިނާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ނާސަރީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. އެތަނުގައި މީޓިންގ ރޫމަކާއި، ލެބޯޓަރީއަކާއި، އޮފީސް އަދި ލޭބަރ އެކޮމޮޑޭޝަން ހުންނާނެއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ފަސް މިލިއަން ޑިޕާޓްމަންޓުން ވަނީ މި އަހަރު ޗައިނާއަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގެ ބޭނުމަކީ ޗައިނާ ސަރުކާރުން ފަސް މިލިޔަން ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި އަޅާ އެންމެ ފަހުގެ މޮޑަރން ނާސަރީގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އެގޮތުން، ރާއްޖޭގައި ގަސް ހެއްދުމުގެ މަސައްކަތް ހަލުވިކޮށް، ފުޅާ ކުރުމަށްޓަކައި ނާސަރީއެއް ތަރައްޤީ ކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކޮށް، ނާސަރީގެ ޑިޒައިން އަދި އިންދާނެ ގަސްތަކުގެ އިތުރުން، ސަރުކާރުން ފަށާފައިވާ ފަސް މިލިޔަން ޕްރޮގްރާމަށް އެންމެ ބޭނުންތެރި ގަސް ހައްދަންކުރަން ޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
ހުޅުމާލޭގައި ތަރައްޤީކުރާ ނާސަރީއަކީ އާންމުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތަށް ހިތްގައިމު ޖާގައިގެ ގޮތުން ބޮޑު ނާސަރީއަކަށް ވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ނާސަރީއަކީ މުސްތަޤުބަލުގައި ސުކޫލު ކުދިން ގެނެސްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ ގޮތަށް ޑިޒައިން ކުރެވޭނެ ތަނެއްކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.





