ރާއްޖޭގެ އިގްތިސާދު ފުޅާވަމުން އަންނަ މި ދަނޑިވަޅުގައި، ރާއްޖެ އާއި އިންޑިއާ އަތާއި އަތް ގުޅުވާލައިގެން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ މަގުތައް ފުޅާކުރުމަށް ތައްޔާރަށް ތިބި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ހާއްސަ މަންދޫބު އަދި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަފު ރާމު މޯހަން ނައިޑޫ ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނައިޑޫ ވިދާޅުވީ، ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއުއަކީ ހަމައެކަނި އިންފްރާސްޓަކްޗަރަށް އަންނަ ކުރިއެރުމުގެ ރަމްޒެއް ނޫން ކަމަށާއި، މިއީ ރާއްޖެ އާއި އިންޑިއާ ދެމެދުގައި އޮތް ދެމެެހެއްޓެނިވި ގުޅުމެއްގެ ވެސް ރަމްޒެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، "މި ވަގުތަކީ ދެ ގައުމުގެ ތަސައްވުރު ދައްކުވައިދޭ ހެއްކެއް، އެއީ އެކުވެރިކަމާއި، އިތުބާރާއި، އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ މައްޗަށް ބިނާވެފައިވާ ތަސައްވަރެއް،" އެވެ. ރާއްޖެ އާއި އިންޑިއާގެ ސިޔާސީ ގުޅުމަށް މި އަހަރު 60 އަހަރުވެފައިވާކަން ފާހަގަކުރައްވައި، ހަނިމާދޫ މަޝްރޫއު ދީފައިވާ މުއްދަތަށް ނިންމުމުގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުން ދިން އެއްބާރުލުމަށް ނައިޑޫ ޝުކުރު އަދާކުރެއްވިއެވެ.
އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކީ ސަގާފަތާއި ތާރީހުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި، މި ގާތް ގުޅުން ބިނާވެގެން ދަނީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސުލްހަމަސްލަޙަތާއި، ހަމަޖެހުމާއި، ފާގަތިކަން ދެމެހެއްޓުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތަކުގެ މައްޗަށް ކަމަށް ނައިޑޫ ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ވެރިންގެ ފަހުގެ ފުރަމާނަ ދަތުރުފުޅުތަކުގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، ނައިޑޫ ވިދާޅުވީ، "ރައީސް ޑރ. މުއިއްޒާއި، މޯދީ ލީޑާޝިޕްގެ ދަށުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އިންޑިއާގެ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ރޫހާއި މޯދީގެ ތަސައްވުރުގެ މައްޗަށް ބިނާކޮށް ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން،" ކަމަށެވެ.
މި ގުޅުމުގައި ތަރައްގީއަށް އެއްބާރުލުން ދިނުން ހިމެނޭކަން ފާހަގަކުރައްވަމުން ނައިޑޫ ވިދާޅުވީ، މީގެ ތެރޭގައި ގްރާންޓްސްއާއި، ކްރެޑިޓާއި، ބަޖެޓް ސަޕޯޓާއި، ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގޭ ހަރަކާތްތައް ހިމެނޭ ކަމަށެވެ. އިންޑިއާއިން ރާއްޖޭގެ ތަރައްގީގައި އެންމެ އިސްކަން ދޭ ކަންކަމުގެ ތެރޭގައި ހާއްސަކޮށް ހައުސިން، ސިއްހަތު، އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ، ފެނާއި ނަރުދަމާ ހިމެނޭ ކަމަށާއި، މިހާރު ދަތުރުފަތުރުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ގައުމުން ފަހުރުވެރިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ނައިޑޫ ވިދާޅުވީ، "އޭގެ ތެރެއިން، އިންޑިއާގެ އެހީގައި ތަރައްގީ ކުރި ހަނިމާދޫ އެއާޕޯޓަކީ ވަރަށް ވަރުގަދަ މަޝްރޫއެއް، މިއީ އިންޑިއާއިން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ގުޅިގެން މަސައްކަތްކުރުން. މި ޓާމިނަލުން ރަމްޒުކޮށްދޭ މަޑިއަކީ އާކިޓެކްޗަރަލް ރީތިކަމާއި، ދިވެހި ދިރިއުޅުމުގެ ވައްޓަފާޅި އާއި ސަގާފަތް ރަމްޒުކޮށްދޭ އެއްޗެއް. މި އެއާޕޯޓްގެ ސަބަބުން ރާއްޖެއާއި އުތުރު، އިންޑިއާ އާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހުޅުވިގެންދާނެ. އަދި މިއީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިވެގެންދާނެ،" ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ މަގުތައް ފުޅާވެގެންދާނެ ކަމަށް އިންޑިއާއިން އުއްމީދުކުރެއެވެ.





