ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި މިދިޔަ ހުކުރު ދުވަހު އަތުލައިގަތް ބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި އެވެ. އެމްއެންޑީއެފުން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ލަންކާގެ މަސްބޯޓާއި އެ ބޯޓުން ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބޯޓުގައި ތިބި ފަސް މީހަކު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި ބޯޓު ހޯދާފައި ވަނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސާވައިލަންސް އޮޕަރޭޝަނެއްގަ އެވެ. އެމްއެންޑީއެފުން އޭރު ބުނެފައިވާ ގޮތުގައި، ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން ވަނީ އެ ބޯޓު އިންޓަސެޕްޓްކޮށް ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.
މި މައްސަލައާ ގުޅިގެން ރަސްމީ އިދާރާއަކުން އަދި ހާމަކޮށްފައިވާ މައުލޫމާތެއް ނެތް ނަމަވެސް، ލަންކާގެ ނޫހެއްގައި އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިވެހި ސިފައިން އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކު ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ލަންކާގެ ނޫހުން ބުނެފައިވެ އެވެ. އަދި އެމްއެންޑީއެފުން އެ ބޯޓު ހޯދާފައި ވަނީ ލަންކާގެ ކަނޑުގެ ސިފައިން ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
މި ބޯޓުން ފެނުނު މަސްތުވާތަކެތީގެ އަދަދާއި، ފުލުހުންނާ ހަވާލުކުރި ފަސް މީހުންގެ ވަނަވަރު ފަދަ އިތުރު ތަފްސީލުތައް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ. ފުލުހުންނާ ހަވާލުކުރި މީހުންނާ މެދު އަޅާނެ ފިޔަވަޅުތަކާއި، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ ގޮތްތައް ކުރިއަށް އޮތް ތަނުގައި ހާމަވާނެ ކަމަށް ބެލެވެ އެވެ.





