ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމާއެކު ހުޅުވިގެންދަނީ ހަމައެކަނި ވައިގެ ބަނދަރެއްގެ އިންފްރާސްޓްރަކްޗަރ ނޫން ކަމަށާއި، މިއީ ބޮޑު ތިލަދުންމަތީ ސަރަޙައްދުގެ ތަރައްޤީގެ ދޮރޯށި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހދ. ހަނިމާދޫގައި މިރޭ އޮތް ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްޞަ މަންދޫބު އަދި އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ޝްރީ ކިންޖަރަޕު ރާމްމޯހަން ނައިޑޫވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ ތަޞައްވުރާއި، ބަދަލާއި، މިންނެތް މަސައްކަތުން ޙާޞިލުވާނެ ކާމިޔާބު ރަމްޒުކޮށްދޭ މަޝްރޫޢެކެވެ. މަސައްކަތް 2022 ވަނަ އަހަރުގެ ފަހުކޮޅު ފެށުނު ނަމަވެސް، މަސައްކަތުގެ ދުވެލި މަޑުޖެހި، ރައްޔިތުންގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް މަސައްކަތުގެ ދުވެލި ބާރުކުރައްވައި، ކާމިޔާބު ކަމާއެކު އެ ވަޢުދުފުޅު ފުއްދަވައިދެވިއްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އެއަރޕޯޓްގެ ޒަރިއްޔާއިން ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބިފައިވާ ޤާބިލުކަން ހާމަވެ، މުޅި ދުނިޔެއާ އެ ރަށްތައް ގުޅާލެވިގެން ދިޔައީ ކަމަށެވެ. އެމަނިކުފާނު ވަނީ ހުޅުވިގެން ދިޔަ މި ރަނުގެ ފުރުޞަތުގެ ބޭނުން ހިފުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. އެގޮތުން ބައިނަލްއަޤުވާމީ އެއަރލައިންތަކުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ގޮވާލައްވައި، ދިވެހި ވިޔަފާރިތަކުންވެސް އުތުރުގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
އިޤްތިޞާދީ ކުރިއެރުމާއެކު އާންމު ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމާއެކު އެކި ގޮތްގޮތުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ވަކީން ޚާއްޞަކޮށް، ހދ. ނާގޯށީގައި ތަރައްޤިކުރެވޭ ރިސޯޓާއެކު، ފަތުރުވެރިކަމުގެ ދާއިރާއިންވެސް އުތުރުގެ ސަރަޙައްދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު މި އެއަރޕޯޓުގައި 2465 މީޓަރުގެ ރަންވޭއެއް ހިމެނެއެވެ. ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، މި ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި، މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެވެ. މިއީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތާރީޚުގައި އެއެއަރޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓުކަން ފާހަގަކުރެވެއެވެ. މި ފްލައިޓްގެ ކެޕްޓަންކަން ކުރެއްވީ، ހދ. ހަނިމާދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޕައިލެޓެކެވެ.
2012 ވަނަ އަހަރު ހަނިމާދޫ ވައިގެ ބަނދަރު، ބައިނަލްއަޤުވާމީ އެއަރޕޯޓަކަށް ބަދަލުކުރިނަމަވެސް، އެއަރޕޯޓުގެ ތަރައްޤީގެ ދުވެލި މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވައި، އެއަރޕޯޓުގެ މަސައްކަތް ނިންމަވައި، ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ރަސްމީކޮށް ހުޅުވިގެންދިޔަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ރާއްޖޭގެ އެއަރޕޯޓެއްގައި ފުރަތަމަ ފަހަރަށް އެއިރޯ ބުރިޖު ބޭނުން ކުރެވޭ ގޮތަށް ތަރައްޤީ ކުރެވުނު އެއަރޕޯޓެވެ.
އުތުރުގެ ރަށްތަކަށް އިޤްތިޞާދީ ގޮތުން އިންޤިލާބީ ކުރިއެރުންތަކެއް ގެނެސްދޭނެ އައު ޞަފުޙާއެއްގެ ގޮތުގައި މިރޭ ހުޅުވި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ އައު ޕަސެންޖަރ ޓަރމިނަލަކީ، އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ 10380 އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތުގެ 70 ޕަސެންޓް ފުރިހަމަކޮށް ނިންމަވައި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ރަސްމީކޮށް ހުޅިވިގެންދިޔަ ފަދައިން، ތަރައްޤީގެ ދެން ހުރި މަޝްރޫޢުތައްވެސް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންނަށް މިރޭވެސް ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް މިރޭ އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠިފާއި، ދަޢުލަތުގެ އިސްވެރިންނާއި، ބޭރުގެ ޢިއްޒަތްތެރިންނާއި، ދިވެހިރާއްޖޭގެ އެކި މުއައްސަސާތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ވަފުދުގެ ބޭފުޅުން ވަނީ، އަލަށް ތަރައްޤީކުރި އެއަރޕޯޓާއި، ޓަރމިނަލް ބައްލަވާލައްވާފައެވެ.




