Thursday, November 5
މި ސަރުކާރު އައި އިރު ހަނިމާދޫ އެއާޕޯޓު ނިމިފައިވަނީ 28 އިންސައްތަ :ޝަރީފް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް މި ސަރުކާރު އައި އިރު ނިމިފައިވަނީ އެންމެ 28 އިންސައްތަ ކަމަށް، އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ މިރޭ ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝަރީފް ވިދާޅުވީ ބާކީ ހުރިހާ މަސައްކަތްތަކެއް ކޮށްފައިވަނީ މި ސަރުކާރުން ކަމަށެވެ.

އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވަނީ މުޅި ޕްރޮޖެކްޓްގައި ބުރަކޮށް މަސައްކަތްކުރެއްވި ފަރާތްތަައް ފާހަގަކޮށް ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕްލޭންކުރެވިފައިވާ ގޮތަށް އަހަރަކު 1.3 މިލިއަން ފަތުރުވެރިން ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ހޯދާ ދުވަސް މާ ދުރުނޫން މުސްތަގްބަލެއްގައި ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއިން ތަރައްގީކުރި މި އެއާޕޯޓުގެ ޓާމިނަލަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މައްޗަށް ހާއްސަކޮށް، މަޑިއެއް ސިފަވާހެން އެޅި އާ ޓާމިނަލެކެވެ. މި ތަން މިރޭ ރަސްމީކޮށް ހުޅުވިއިރު ، އެމްއޭސީއެލް އިން ވަނީ އެއާޕޯޓާ ހަވާލުވެފައެވެ. އެއާއެކު، އެއާޕޯޓުގައި މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލު ގެނައީ އާ ޓާމިނަލް ހުޅުވުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާ ބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުން ކޮށްގެން ކަމަށްވާތީއެވެ.

އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ މި ޓާމިނަލަކީ ރާއްޖޭގައި މިހާރު އަޅާފައިވާ ޓާމިނަލްތަކުގެ ތެރެއިން އެންމެ ރީތި އެއް ޓާމިނަލަށް ވާނެއެވެ. އެއާޕޯޓު ތަރައްގީ ކުރުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވިގެން ދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު