އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ދިވެހިރާއްޖެއިން އަމަލުކުރާނީ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. އޭޖީ މިހެން ވިދާޅުވީ އިންސާނީ ހައްގުތައް ލިބިދޭ މިންވަރު އދ. އިން ވަޒަންކުރަން ބާއްވާ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި ބޭއްވި މި ރިވިއު ސެޝަންގައި އުޝާމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އައިޑެންޓިޓީ ގުޅިފައި އޮތީ އިސްލާމްދީނާ ކަމަށާއި، އެއީ ރާއްޖޭގެ އިޖުތިމާއީ ފޭރާމުގެ، ކޮމްޕްރޮމަައިޒް ނުކުރެވޭނެ ރުކުނެކެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމްދީނަށް ހުރުމަތްތެރިކަން ދީފައިވާކަން ވެސް އޭނާ ވަނީ ބަޔާންކުރައްވާފަ އެވެ.
އޭޖީ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ވެލިއުތައް ބައްޓަން ކުރަނީ މި ދީން. ގާނޫނުތަކަށް މައުލޫމާތު ނަގަނީ މި ދީނުން އަދި އަޅުގަނޑުމެންގެ އިޖުތިމާއީ އަހުލާގީ ސަމުގާ މިސްރާބު ކޮށްދެނީ މި ދީނުން. އިންސާނީ ހައްގުތަކަށް އަޅުގަނޑުމެން ދޭ ކޮމިޓްމެންޓް އޮންނާނީ މި ބިންގަލާ ގުޅިފައިވާ އުސޫލުތަކާ އެއްގޮތަށް،"
ބަންޑާރަ ނައިބު އިތުރަށް ވިދާޅުވި ގޮތުގައި، ވިސްނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭއިރު، އެ ހައްގު ލިބިދޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ކަން ވެސް ފާހަގަކުރެއްވި އެވެ. އަދި މަދަނީ މިނިވަންކަން ދިވެހި ސަރުކާރުން ނަގަހައްޓާނެ ކަމަށާއި، އެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ ގައުމުގެ ހަމަޖެހުން ނަގާލާނެ ގޮތަކަށް ނޫންކަމަށާއި، އެއްވެސް ބާވަތެއްގެ ނަފުރަތެއް ނުފެތުރޭ ގޮތަށް ކަމަށް ވެސް އޭޖީ ފާހަގަކުރެއްވި އެވެ.
ޔޫޕީއާރް ވޯކިން ގްރޫޕާ ހިއްސާކުރި މައުލޫމާތުތައް
އޭޖީ އޮފީހުން ބުނީ މި ފަހަރުގެ ރިވިއު ސެޝަންގައި، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ދިވެހިރާއްޖެ އިން ހާސިލްކޮށްފައިވާ ކާމިޔާބީ އާއި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ސަރުކާރުގެ ސިޔާސަތުތައް ވަނީ ޔޫޕީއާރް ވޯކިން ގްރޫޕާ ހިއްސާކޮށްފަ އެވެ. މީގެ ތެރޭގައި ދިވެހިންގެ މަދަނީ އަދި ސިޔާސީ ހައްގުތައް ރައްކާތެރި ކުރުމާއި ގާނޫނު ތަންފީޒުކުރުން ހަރުދަނާ ކުރުމަށްޓަކައި ކުރާ މަސައްކަތްތައް ހިމެނެ އެވެ.
މީގެ އިތުރުން، މުޖުތަމަޢުގެ ހާއްސަ އަޅާލުމާއި އެހީތެރިކަން ބޭނުންވާ މީހުން ބާރުވެރިކޮށް، އެ މީހުން ރައްކާތެރިކުރުމަށްޓަކައި ކުރާ މަސައްކަތްތަކާއި އިގުތިސާދީ، އިޖުތިމާއީ އަދި ސަގާފީ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ރާއްޖޭގެ ހިންގުމުގެ ނިޒާމާއި ގާނޫނީ އޮނިގަނޑާއި އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތައް ވެސް ވަނީ ހުށަހަޅާފަ އެވެ.
ރާއްޖޭގެ ރިވިއު ސެޝަންގައި 104 ގައުމަކުން ބައިވެރިވެފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ރާއްޖެއިން ހޯދާ ތަރައްގީ އާއި ކާމިޔާބީ ބަލައިގެންފަ އެވެ. ފާއިތުވި ސައިކަލްގައި ރާއްޖެއަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތް ބަލައިގަންނަކަން ގައުމުތަކުން ފާހަގަކުރި ކަމަށް އޭޖީ އޮފީހުން ބުނެ އެވެ. މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ކުރާ މަސައްކަތްތަކަށް ވެސް ވަނީ ތައުރީފުކޮށްފަ އެވެ.




