މި މަހު 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބާއްވާ ޖަލްސާއިން، ރާއްޖެ އޮތީ ކޮން ލީޑަރަކާ އެކީގައިކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ޕީއެންސީން އަންނަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ބައްދަލުވުމެއް އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް ބުނެ އެ ބައްދަލުވުމަށް މީހުންނަށް ދައުވަތު ދެމުންނެވެ.
އެ ބައްދަލުވުމަށް މީހުންނަށް ދައުވަތު ދޭން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ޖަލްސާއަށް ރައްޔިތުން އަންނާނީ ރައީސް މިހާތަނަށް ކޮށްދެއްވި މަސައްކަތަށް ޝުކުރުވެރިވާތީ ކަމަށެވެ. އަދި އެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވައި އެތައް އުންމީދެއް ރައްޔިތުންނަށް ދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް 206 މަޝްރޫއު ހަވާލުކުރިކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވަނީ، ޕީއެންސީގެ ބައްދަލުވުމަށް ރައްޔިތުން ދާނީ ވެރިކަން ހިނގާ މިސްރާބު ރަނގަޅު ކަމަށް ގަބޫލުކުރެވޭތީ އައު މުސްތަގުބަލަކަށް އުންމީދު ކޮށްގެން ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒާ އެކީގައި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެ ރައްޔިތުންނަށް އެބަ އޮތް ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައްޔިތުން އެ ޖަލްސާގައި ބައިވެރިވާނީ އެ ޔަގީންކަން ރައީސަށް އިތުރަށް ކަށަވަރުކޮށްދިނުމަށާއި ވާދަވެރިން ދައްކާ 'އަސްލެއް ނެތް' ވާހަކަތައް ގަބޫލުނުކުރާކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. މީގެން ދައްކުވައިދެނީ ރައްޔިތުންގެ ތާއީދު ރައީސް މުޢިއްޒަށް އޮތް މިންވަރު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.





