Thursday, November 5
ޕްރޮޖެކްޓްތައް ޕީއެންސީ މެމްބަރުންނަށް ބަހާލިކަމަށް ބުނިއިރު 25 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ރޮޒޭގެ އާއިލީ ކުންފުނި ޑޮނާޑަށް

ސަރުކާރުން ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރަނީ ހަމައެކަނި ޕީއެންސީއަށް ނިސްބަތްވާ ފަރާތްތަކަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައި، އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅެއްގެ އާއިލީ ކުންފުންޏަކަށްވެސް 25 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހަވާލުކޮށްފައިވާކަން ހާމަވެއްޖެއެވެ. މިދިޔަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި ޖުމުލަ 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ވަނީ 53 ކުންފުންޏަކާ ހަވާލުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި، 200 އަށް ވުރެ ގިނަ ތަރައްގީގެ މަޝްރޫއު ހަވާލުކުރި މި ކުންފުނިތަކަކީ ހަމައެކަނި ޕީއެންސީ މެމްބަރުންނާއި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކެވެ. ނަމަވެސް، މި މައުލޫމާތުތައް ތަފްސީލުކޮށް ބަލާއިރު، އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ވެސް މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭކަން ފާހަގަކުރެވެއެވެ.

އެގޮތުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫމީދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމްގެ އާއިލީ ކުންފުނި ކަމަށްވާ ޑޮނާޑް ޕްރައިވެޓް ލިމިޓެޑްއާ ވަނީ ޖުމުލަ 8 ޕްރޮޖެކްޓް ހަވާލުކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީގެ ރިކޯޑުތަކުން ދައްކާގޮތުގައި ޑޮނާޑް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓަރީކޮށްފައިވަނީ ރޮޒެއިނާ އާދަމްގެ މަންމަ އާއި ކޮއްކޮގެ ނަމުގައެވެ. މި ކުންފުންޏަށް ހަވާލުކުރި ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 25,991,340.43 ރުފިޔާ އަށް އަރައެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކުރި މި މަޝްރޫއުތަކުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާއިރު، މިއީ ގައުމީ ފެންވަރުގައި ހިންގާ ބޮޑު ތަރައްގީގެ މަސައްކަތެކެވެ. މި މަޝްރޫއުތަކުގެ ތެރޭގައި 12 ރަށެއްގައި 725 ހައުސިން ޔުނިޓު އެޅުމާއި، 39 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުން ހިމެނެއެވެ. މީގެ އިތުރުން، 14 މިސްކިތަކާއި ވަގުފް އިމާރާތެއް ބިނާކުރުމާއި، 52 ކުޅިވަރު ކޯޓު (ފުޓްސަލް، ވޮލީބޯޅަ، ހޭންޑްބޯޅަ) އެޅުމުގެ މަޝްރޫއުތައް ވެސް ހިމެނެއެވެ.

ސިއްހީ ދާއިރާއަށް ބަލާއިރު، ރަތަފަންދޫގައި އާ ހެލްތު ސެންޓަރެއް އެޅުމާއި އިސްދޫ ކަލައިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުން ހިމެނެއެވެ. އަދި 15 ރަށެއްގައި ކުނި މެނޭޖުކުރާ ސެންޓަރު ގާއިމުކުރުމާއި، 25 ހެލްތު ސެންޓަރު އަޕްގްރޭޓު ކުރުން ވެސް ހިމެނެއެވެ. ތައުލީމީ ދާއިރާއިން 26 މަޝްރޫއުއަކާއި ސްކޫލުތަކުގައި 8،000 އެއާ ކަންޑިޝަން ހަރުކުރުމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެއެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ތުހުމަތުކުރި ނަމަވެސް، އެމްޑީޕީއާ ގުޅުންހުރި ކުންފުންޏަކަށް ބޮޑު މަޝްރޫއެއް ލިބުމުން، ޕްރޮޖެކްޓްތައް ބެހުމުގައި ހަމައެކަނި ސިޔާސީ ކުލަވަރު ބެލިކަމުގެ ތުހުމަތުތަކަށް ސުވާލު އުފެދިގެންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ޚެމްސާ - 2025-11-08T20:48:03

    ކޮބާ މައްސަލައަކީ. ޙަޖަމް ކޮށްލާ. ކަލޭމެންގެ މެމްބަރު ކުންފުނިއަށް ނުލިބުނީމާ ފަކް ވީތަ؟