އެމެރިކާގެ ނިއުޔޯކް ސިޓީ ގެ މޭޔަރަކު ހޮވުމަށްޓަކައި ބޭއްވުނު އިންތިހާބު ޑިމޮކްރެޓިކް ޕާޓީގެ ޒޮހްރާން ކުވާމޭ މަމްދާނީ މިވަނީ ކާމިޔާބުކޮށްފައެވެ. އުމުރުން ހަތް އަހަރުގައި ޔުގާންޑާ އިން އެމެރިކާއަށް ހިޖުރަކުރި މަމްދާނީ އެމެރިކާގެ އެންމެ ބާރުގަދަ ފަރާތްތަކާއި ދެކޮޅަށް މިފަދަ އިންތިހާބެއް ކާމިޔާބުކުރުމުން ގިނަބަޔަކު ދަނީ އެކަމަށް ތައުރީފްކުރަމުންނެވެ.
މަމްދާނީ އަކީ ޔުގަންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މުސްލިމެކެވެ.މަމްދާނީގެ މަންމައަކީ އިންޑިއާއަށް އުފަން ނަމަވެސް އެމެރިކާއަށް ހިޖުރަކުރިފަހުން ފިލްމު އުފައްދާ މީހެއްގެ ގޮތުގައި އެމެރިކާގައި މަޝްހޫރުކަން ހޯދާފައިވާ ފަރާތެކެވެ. އަދި މަމްދާނީގެ ބައްޕައަކީ އެމެރިކާގެ ކޮލަމްބިޔާ ޔުނިވާސިޓީގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރެކެވެ.
އުމުރުން އެންމެ 34 އަހަރުގައި މަމްދާނީ ނިއުޔޯކުގެ މޭޔަރު ކަމުގެ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެސިޓީގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކޯމޯ އާއި ރިޕަބްލިކަން ޕާޓީގެ ކާޓިސް ސިލްވާ އާއި ވާދަ ކޮށްގެންނެވެ. މަމްދާނީ ވެފައިވަނީ ފާއިތުވެ ދިޔަ 100 އަހަރުގެ ތެރޭގައި ނިއުޔޯކުގައި އިންތިހާބު ކުރެވުނު އެންމެ ހަނގު މޭޔަރުގެ ގޮތުގައެވެ.
ސިޔާސީ މަސައްކަތުގައި އުޅުމުގެ ކުރިން މަމްދާނީ އެންމެ ފުރަތަމަ އުޅުނީ ރެޕް ލަވަ ކިޔުމުގައެވެ. ސިޔާސީ މަސައްކަތާއި ގުޅި މޭޔަރަކަށް އިންތިހާބުވުމާއި ހަމައަށް މަމްދާނީ އައީ ނިއުޔޯކްގެ ސްޓޭޓް އެސެމްބްލީ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. އެމަގާމަށް ހޮވުނީ 2021 ވަނަ އަހަރުގައެވެ.
ގިނަ ބައެއްގެ ނަޒަރުގައި ނިއުޔޯކަށް މޭޔަރަކު ހޮވުމަށް ބޭއްވުނު އިންތިހާބު އެހެން އިންތިހާބުތަކާއި ހިލާފަށް ވަރަށް ގިނަ ގޮތްގޮތުން ހާއްސަވެގެންވެއެވެ.އެއީ މި އިންތިހާބުގައި މަމްދާނީ އެމެރިކާގެ ރައީސް އަދި އެމެރިކާގެ އެތައް ބިލިޔަނަރުންނަކާއި ދެކޮޅަށް ހިއްވަރު ނެރެ މޭޔަރު ކަމުގެ އިންތިހާބު ކާމިޔާބު ކުރުމުންނެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެވެސް މިސާލަކަށްބަލާ ޑިމޮކްރެޓިކް ގައުމެކެވެ.ނަމަވެސް މަމްދާނީ އަކީ މުސްލިމަކަށްވީތީ އޭނައަށް މި އިންތިހާބުގައި ކުރިމަތިވި ފުރައްސާރައަކީ މީގެ ކުރިން ދުވަހަކުވެސް އެމެރިކާގެ އިންތިހާބެއްގައި ނުފެންނަ ކަންކަމެވެ.
މި އިންތިހާބުތެރޭގައި ބޮޑެތި ނަސްލީ ތަފާތުކުރުންތައް ފާޅުގައި ފެނުނު އިރު މަމްދާނީއާއި ދިމާލަށް ނުކިޔާކަށް އެއްޗެއްނެތެވެ. މަމްދާނީ އަކީ ޓެރަރިސްޓެއް ކަމަށާއި ، އޭނަ އުޅެނީ އެމެރިކާގައި އިސްލާމީ ޝަރީއަތް ގާއިމު ކުރުމަށް ކަމަށް ބުނެ ވަރުގަދަ އެންޓި ކެމްޕޭނުތަކެއް އެމެރިކާގައި ކުރިއެވެ.
މީގެއިތުރުން މަމްދާނީ އަކީ ވަޒީފާއެއް ދުވަހަކުވެސް އަދާ ނުކުރާ މީހެއް ކަމަށާއި، އޭނައަކީ ނިއު ޔޯކު ފަދަ އެމެރިކާގެ ފަހުރުވެރި ސިޓީއެއްގެ މޭޔަރުކަމަށް ގެންނަން ހެޔޮވާނެ މީހެއް ނޫންކަމަށް ބުނެ ސޯޝަލް މީޑީއާގައި ވަރުގަދަ ކެމްޕޭނުތަކެއްވެސް ކުރިއެވެ. އިޒްރޭލަށް ވާގިވެރިވާ އެމެރިކާގެ ގިނަ ބިލިޔަނަރުންތަކެއް ވެގެން މަމްދާނީއާއި ދެކޮޅަށް ބާވީސް މިލިއަން ޑޮލަރު ހަރަދުކުރިކަމަށްވެސް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް މަމްދާނީއާއި ދެކޮޅު ފަރާތްތަކުގެ ނުބައި ރޭވުންތަކާއި ހަރަދުކުރި ފައިސާއަށް ނުބަލައި މަމްދާނީ ދެއްކީ އާދަޔާހިލާފު ސާބިތުކަމެކެވެ.މަމްދާނީ އޭނާގެ ކެމްޕޭނުގައި މުޅިންވެސް ގެންގުޅުނީ ނިއު ޔޯކުގެ މެދުފަންތީގެ އާއިލާތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ވާހަކައެވެ. އެގޮތުން، ނިއު ޔޯކް ސީޓީއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީ ކަމަށާއި ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން އެމީހުންގެ އަތްފޯރާފަށަށް ގެނެސްދޭނެ ކަމަށް ވައުދުވަމުން ދިޔައެވެ. އަދި އެ ސިޓީން ލިބޭ ފައިސާއިން ހިލޭ ބަސް ދަތުރު ކުރެވޭނެ ކަމަށާއި، ކުލި ކޮންޓްރޯލު ކުރަންޖެހޭ ކަމަށް ވަކާލާތު ކުރިއެވެ.
ނިއުޔޯކްސިޓީއަކީ އެންމެ އާންމު މީހާއަށްވެސް އުޅެވޭނެ ސިޓީއަކަށް ހަދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި އެ ސިޓީގައި ތިބޭ ނުފޫޒު ގަދަ ބިލިޔަނަރުން އަތުން ބޮޑުކޮށް ޓެކްސް ނަގާނެކަމަށް ބުނެ ވަރަށް ސާބިތުކަމާއެކު ކެމްޕޭނު ކުރިއަށް ގެންދިޔައެވެ. އަދި އެކަންކަން ޕްލޭންކޮށް ތަންފީޒުކުރާނެ ގޮތުގެ މަގު ޗާޓު ރައްޔިތުންނަށް ހުށަހަޅައި މަމްދާނީގެ ޕްލޭން ރައްޔިތުން ގާތަށްގޮސް ވަކިވަކިން ބައްދަލުކޮށް ވާހަކަ ދައްކައި ހިއްސާކުރިއެވެ.
މަމްދާނީއާއި ދެކޮޅަށް ކުރި މަސައްކަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަމްދާނީއަށް ވޯޓު ނުދިނުމަށާއި އޭނާ މޭޔަރު ކަމަށް ގެނެސްފިނަމަ ދައުލަތުން ނިއު ޔޯކަށް ދޭ ފަންޑު ކަނޑާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. މަމްދާނީގެ ފަހަތުގައި އެމެރިކާގެ އެންމެ މުއްސަނދި ބިލިޔަނަރުން ނެތުމުންނާއި އަދި އޭނާއަކީ މުސްލިމެއް ކަމުން އެމެރިކާގެ އެންމެ ފަހަރުވެރި ސިޓީގެ މޭޔަރުކަން މަމްދާނީ ކާމިޔާބު ކުރާނެ ކަމަށް ގިނަބަޔަކަށް އޮތީ ގަބޫލުނުކުރެވިއެވެ.
ނަމަވެސް އެމެރިކާގައި ތިބި އެންމެ ބާރުގަދަ ފަރާތްތަކުގެ އިންޒާރުތަކަށް ބެލުމެއްނެތި މަމްދާނީއާއި އޭނާގެ ޓީމުން މަސައްކަތް ކުރަމުން ދިޔައީ އިންތިހާބު ކާމިޔާބު ކުރުމަށެވެ. އެގޮތުން ވޯޓު ލެވޭ އެންމެހާ ފަރާތްތަކާއި ބައްދަލުކޮށް ގިނަގުނަ މަސައްކަތްކޮށް އިންތިހާބު ވަނީ ކާމިޔާބުކޮށްފައެވެ.
މަމްދާނީގެ މުޅި ކެމްޕެއިނުނއ ދުނިޔެއަށް ބުނެދިނީ ގައުމުގެ ރައީސްއާއި ނުފޫޒުގަދަ ވިޔަފާރިވެރިންނާއި މުޅި ސަރުކާރު އެއްކޮށް ދެކޮޅުވިނަމަވެސް ، އަދި ކިތައްމެ ގިނަ ފައިސާއެއް ދެކޮޅަށް ބަޔަކު ހަރަދުކުރި ކަމުގައިވީނަމަވެސް ރައްޔިތުން އެކަމަށް ނޫނެކޭ ބުނެފިނަމަ އެކަމެއް ނުވާނެކަމެވެ. ޑިމޮކްރަސީގެ އަސްލު ބާރުވެރިންނަކީ ރައްޔިތުންކަމެވެ




