އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫ ރައްޔިތުންނަކީ ގަމާރުންކަމަށާއި ، އެ ރައްޔިތުންގެ ބޮލުގެ ސިކުނޑީގެ ބަދަލުގައި އުނބެއް ހުރިކަމަށް ދޭހަވާފަދަ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ހަޖޫޖަހާފައިވާ މެސެޖެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ. މި މެސެޖުގައި ރޮޒޭ ވަނީ ހުޅުމީދޫ ރައްޔިތުންގެ ވިސްނުމާއި ގުޅޭގޮތުން ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރޮޒޭ މިގޮތަށް ވާހަކަ ދައްކާފައިވަނީ ދާދިފަހުން ރައީސް ޑރ.މުހައްމަދު މުއިއްޒު ހުޅުމީދޫ އަށް ކުރެއްވި ދަތުރުގައި ވަރަށް ހޫނު ތަރުހީބެއް އެމަނިކްފާނަށް އެދެރަށުން ލިބިފައި ވަނިކޮށެވެ.
ރޮޒެއިނާ އަކީ ވޭތުވެދިޔަ ދެ ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާ ތަމްސީލުކުރެއްވި މެންބަރެކެވެ. އެހެންކަމުން، އޭނާގެ ކުރީގެ ދާއިރާގެ ރައްޔިތުންނަށް ނިސްބަތްކޮށް މިފަދަ ބަސްތައް ބޭނުންކޮށްފައިވާތީ، އެކަމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެފަދަ މޭރުމަކުން ރޮޒޭ ވާހަކަ ދައްކާފައިވަނީ ރޮޒޭ ހިމެނޭހެން ހުޅުދޫ އަދި މީދޫގެ ގިނަ ބަޔަކު ތިބޭ ވަޓްސްއަޕް ގްރޫޕެއްގައެވެ.
ރޮޒޭ ފޮނުވި މި މެސެޖުގައި ބުނެފައިވަނީ، ރައްޔިތުން ގަމާރުވެގެން ރަތްދޫލަ ފަތުރައިގެން އަތް ޖަހަން އަދިވެސް އެބަތިބޭ ކަމަށާއި، ރައްޔިތުންގެ ސިކުނޑީގެ ބަދަލުގައި އުނބެއް ހުރިކަމަށް ދޭހަވާ ގޮތަށްވެސް ވާހަކަ ދައްކާފައިވެއެވެ. މި ބަސްތަކަކީ އާންމުކޮށް ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކުރާ ބަސްތަކެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރޮޒެއިނާ ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާފައެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އޭރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެމްޑީޕީގެ ޕްރައިމެރީން ބޮޑު ތަފާތަކުން ވަނީ ނާކާމިޔާބުވެފައެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަންވެސް ކުރެއްވާ ރޮޒައިނާ، 20 ވަނަ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް ޕްރައިމަރީގައި ވާކުރީ ފޭދޫ އުތުރު ދާއިރާއަށެވެ. އެ ދާއިރާގައި ތިން ކެންޑިޑޭޓުން ވާދަކުރިއިރު، މިދިޔަ ތިން ދައުރުގައި ވެސް މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ރޮޒައިނާ ބަލިކޮށް އެފަހަރު ޓިކެޓް ކަށަވަރުކުރީ އަހްމަދު ޝަރީފްއެވެ.





